2013 ގެ ރިޔާސީ ރޭހުން ފެނުން އެކަށީގެންވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ ކަންތައްތައް އަވަސް އަވަހަށް ބަދަލުވަމުންދާ ކަމަށާއި އެއީ ވެސް އޮތް ގޮތެއް ކަމަށެވެ. އަދި ކުރިމަތި ލައްވާ ނަމަ ކުރިމަތިލައްވާނީ ވެސް އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ވެސް މައުމޫނު ވިދާޅުވެފައިވެއެވެ.
"30 އަހަރު ދުވަހު އަޅުގަނޑަށް ގައުމަށް ހިދުމަތް ކޮށްދެވިއްޖެ، މިހާރު މިއީ އެހެން ފަރާތްތަކުން އެމަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ގަބޫލު ކުރައްވާ ކަމަށް" ވެސް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވެފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރައިމަރީ ބާއްވާނެ ކަމަށާއި ޕްރައިމަރީގައި ހޮވޭ ކޮންމެ ފަރާތަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ބަލައިގަންނާނެ ކަމަށެވެ.
މިހާރުގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީޕީއެމުގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިދާނެތޯ އެނޫހުން ސުވާލު ދެންނެވުމުން މައުމޫނު ވިދާޅުވީ " އޮތް ހަމަ އެކަނި ގޮތަކީ ޕީޕީއެމާއި ގުޅިވަޑައިގެން ޕްރައިމަރީގައި ވާދަ ކުރައްވާ އެކަން ކާމިޔާބު ކުރެއްވުން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ