އުމަރު ނަސީރުގެ ޝަރީއަތަކީ ކޮން ކަހަލަ ޑްރާމާއެއް؟

އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ހިންގާ ޝަރީއަތަށް އޭނާ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރު ނެރުމުން އެއީ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ. އަނެއް ބަޔަކު ބުނަނީ މިހާރުގެ ސަރުކާރުގެ ތެރެއިން އުމަރުގެ ކިބައިން ބަދަލެއް ހިފަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ކޯޓުތަކާ މެދު އިތުބާރު އުފެއްދުމަށް ޑްރާމާއެއް ކުޅެލަނީ ކަމަށެވެ. މި ޝަރީއަތް ކުރިއަށް މި ދަނީ މިއިން ކޮންމެ ހާލަތެއްގެ ތެރޭގައި ނަމަވެސް ވަރަށް ގިނަ ކަންކަން މި ޝަރީއަތުގެ ސަބަބުން އެބަ ހާމަވެ އެވެ. އުމަރުގެ މައްޗަށް ހިންގާ ޝަރީއަތަކީ ފަހުގެ ތާރީހެއްގައި ވަޒީރެއްގެ މައްޗަށް ހިންގާ މިފަދަ ފުރަތަމަ ޖިނާއީ ޝަރީއަތެވެ. ފުލުހުންގެ މުއައްސަސާގެ ކަންކަމުގައި ޒިންމާ ނަންގަވަން ޖެހޭ އެންމެ އިސް މަގާމުގައި ހުންނެވި އުމަރު ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައި ވާއިރު ކޯޓުންނާއި އުމަރުގެ ފަރާތުން ދެއްކި ވާހަކަތައް ދިމަލެއް ނުވެ އެވެ. ކޯޓުން މާނަކުރަނީ ޝަރީއަތަށް އުމަރު ފިއްލަވަނީ ކަމަށެވެ. އެކަމަކު އުމަރުގެ ފަރާތުން ހޯމް މިނިސްޓްރީން ބުނަނީ އުމަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ރަސްމީ ބޭނުންތަކުގައި ކަމަށާއި އެގޮތަށް ވަޑައިގަންނަވަނީ ކޯޓަށް އަންގާފައި ކަމަށެވެ. ޝަރީއަތުން ހާމަވާ ފުރަތަމަ ކަމަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްފި ނަމަ މީގެ ކުރިން އެއީ ސިޔާސީ ދައުވާތައް ކަމަށް ބުނުމެވެ. އުމަރުގެ މައްޗަށް ދައުވާ ކުރުމަކީ ސިޔާސީ ކަމެކޭ ކިޔާ އަޑު އާންމުކޮށް ނީވެ އެވެ. އަނެއް ކަމަކީ ސިޔާސީ މީހަކު ކޯޓަށް ހާޒިރު ނުވެގެން ބަންދުގައި ބަހައްޓައިިގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް މީގެ ކުރިން އަމުރެއް ކޮށްފި ނަމަ އެއިން ކޮންމެ ފަހަރަކު ވެސް އެކަން ވަރަށް ބޮޑު ކަމަކަށް ވެގެން އުޅެ އެވެ. ސިޔާސީ އެކި ފަރާތްތަކާއި ޖަމާއަތްތަކުން ބަޔާންތައް ނެރުމާއި ކަންބޮޑުވުން ފާޅުކުރުމާ އެކު ކޯޓުތަކާއި ސިޔާސީ ނުފޫޒުވެރި ފަރާތްތަކަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ. މީގެ ބައި ގަރުނު ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސިޔާސީ މީހުންގެ މައްޗަށް މީގެ ކުރިން ކުރި ކޮންމެ ފަހަރަކު ގޯސްވަނީ މުސްކުޅި ގާނޫނުލް އުގޫބާތެވެ. މިފަހަރު ގާނޫނުލް އުގޫބާތު ވެސް ހަމަ ރަނގަޅެވެ. ވާހަކައެއް ދައްކައިގެން ކުށްވެރިވުން ވެސް ހަމަ ރަނގަޅެވެ. މި ސަރުކާރުގެ ނުފޫޒު ކޯޓުތަކުގެ ތެރޭގައި ބޮޑު ކަމަށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެހެންވެ މިއީ ކޯޓުތަކުގެ ކުރިމަތީގައި ވަޒީރެއް އަދި އެހެން މީހެއް ތަފާތު ނުކުރާކަން ދެއްކުމަށް ހިންގާ، ރޭވިފައިވާ ޝަރީއަތެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމަށް ދައްކާނެ އުޒުރެއްގެ ގޮތުގައި ވެސް އުމަރުގެ ޝަރީއަތް ބޭނުންކޮށްފާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ. މިގޮތަށް ކިތަންމެ ހީއެއް ހުންނާނެ އެވެ. އެ މައްސަލާގައި ހިމެނޭ ބައެއް ބޭފުޅުން މަޖިލިސް މެންބަރުންނާއި ސަފީރުންނަށް ވެސް ވެއްޖެ އެވެ. އެހެންވެ، ދައުވާ ކުރުމަށް ވުރެ ނުކުރުން ރަނގަޅު ކަމަށް ބަލާފައި އެ ދައުވާ އަނބުރާ ނުގެންދާނެ ބާއޭ ވެސް މިހާރު އެބަ ހީވެ އެވެ. ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ހަނދާނަށް އައުމުން އުމަރުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފައްދާނެ މީހަކު ވެސް ނުވި އެވެ. އުމަރުގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން އެކަމާ ދެކޮޅަށް މުޒާހަރާކުރި އިރު އެވެ. އެހެންވެ އަބްދުﷲ ގާޒީއާ އެއްކޮޅަށް ކުރި މުޒާހަރާތަކުގެ އެންމެ އިސް އެކަކާ ދެކޮޅަށް، އަބްދުﷲ ގާޒީގެ މަސްއޫލުވެރި ކޯޓުން ލުއި ގޮތަކަށް މައްސަލަ ނުނިންމާނެ ހެއްޔެވެ؟ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ނުކުރީ އެއީ އަބްދުﷲ ގާޒީގެ މަސްލަހަތު އޮތް މައްސަލައަކަށް ވާތީ އެވެ. ބައެއް މައްސަލަތައް ކޯޓުން އަވަސް އަރުވާލައިގެން ހިނދުންހިނދަށް ނިންމާލާ ކަމަށް ބުނެ ފާޑުކިޔާ ތަނެއް ވެސް އުމަރުގެ މައްސަލާގައި ނުފެނެ އެވެ. މިގޮތަށް އެކި ތިއަރީތައް ހެދިދާނެ އެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ދެކޭ އެއް ގޮތަކީ ރައީސް އަބްދުﷲ ޔާމީން އުމަރުގެ ކިބައިން ބަދަލު ހިއްޕަވަނީ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ތެރޭގަ އާއި ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްތަކުގައިި ވެސް އުމަރު ވަނީ ޔާމީނާ މެދު ވަރަށް ސީރިއަސް ތުހުމަތުތައް ކުރައްވައިފަ އެވެ. އެކަމަކު އެންމެ ފަހުން ކޯލިޝަނެއްގެ ތެރެއިން ގޮސް އުމަރު ހުންނެވީ ޔާމީންގެ ވަޒީރެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ޔާމީނަށް މަޖުބޫރުވެވަޑައިގެންނެވި ގޮތެއް ކަމަށް ބައެއް މީހުން ބަލަ އެވެ. އެހެންވެ ޖުމްހޫރީ ޕާޓީއާ މައްސަލަ ޖެހުމުން ވެސް އުމަރު މަގާމުގައި ބެހެއްޓުމަށް ފަހު، އުމަރުގެ މައްޗަށް ކުށެއް ސާބިތުވާ ހިސާބުން މަގާމުން ދުރުކުރުމަކީ "ބޮލުގެ ނިންމުމެއް" ކަމަށް ބައެއް މީހުން ސިފަކުރެ އެވެ. ހޯމް މިނިސްޓަރަކަސް އުމަރު ނަސީރަކަސް އަދި ކޮންމެ މީހަކަށް ވިޔަސް ގާނޫނުތަކާ ހިލާފުވެއްޖެ ނަމަ އަދަބު ލިބެން ޖެހޭނެ އެވެ. އެކަމަކު މި މައްސަލައާ މެދު ކޯޓުންނާއި ސިޔާސީ ފަރާތްތަކުގެ ކިބަން ފެންނަ މަންޒަރުތަކުން މިއީ ވަރަށް ބޮޑު ޑްރާމާއެއް ކަމަށް ޝައްކުވާ ކަންކަން މި ހުރީ ފެންނާށެވެ. އެކަމަކު ކޮން ޑްރާމާއެއް ކަމެއް އެނގޭނީ މަންޒަރު ސާފުވާ ހިސާބަށް ދިޔައިމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ