ހިއްސާގެ ބާޒާރުގައި ވަގު ފައިސާ އިންވެސްޓް ކުރޭތޯ ބަލަން: ސީއެމްޑީއޭ

ހިއްސާގެ ބާޒާރުގައި ވަގު ފައިސާ އިންވެސްޓްކުރޭތޯ ބަލާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ. އެއޮތޯރިޓީން ބުނީ ވަގު ފައިސާ ނުވަތަ މަނީލޯންޑްރިންގެ ފައިސާ ބޭނުން ކުރުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި ކްލަޔަންޓުގެ މައުލޫމާތު ސާފުކުރުމަށް ހާއްސަ ފޯމެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިފޯމު ފުރިހަމަކޮށްގެން ނޫނީ ހިއްސާގެ ބާޒާރުގައި މުއާމަލާތްތައް ނުކުރެވޭނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ. ސީއެމްޑީއޭ އިން ބުނީ ހިއްސާގެ ބާޒާރުގައި ކުރާ އާދަޔާ ހިލާފު މުއާމަލާތްތައް ބަލައި އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކަށް ގުޅައިގެން މައުލޫމާތު އޮޅުން ފިލުވާނެ ކަމަށެވެ. އަދި ކްލަޔަންޓުންގެ މައުލޫމާތު ސާފުކުރާ ފޯމުގެ ސަބަބުން މިފަދަ މައުލޫމާތުތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ. އެ ފޯމުގައި، ހިއްސާގެ ބާޒާރުގައި ފައިސާ ގަތުމަށް ބޭނުންކުރާ ފައިސާ ނަގާ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތާއި ހިއްސާ ގަންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހިމެނެ އެވެ. ސީއެމްޑީއޭ އިން ބުނީ ރާއްޖޭގެ އިގްތިސާދު ކުޑަ ނަމަވެސް އެހެން ގައުމުތަކުގެ އިގްތިސާދާ ގުޅިލާމެހިފައިވާ ކަމަށެވެ. އެހެންކަމުން ވަގު ފައިސާ ރާއްޖޭގައި ވެސް އިންވެސްޓްކުރުމަކީ ވެދާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ސީއެމްޑީއޭ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ