އެމްއެމްޕީއާރުސީން ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން، ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ (ކޭއައިޓީއެފް) ގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.
މި ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މިފެއަރ ކުރިއަށްދަނީ މިމަހުގެ 24 އިން 26 އަށް ކަޒަކިސްތާނުގެ އަލްމާޓީގައެވެ.
ކޭއައިޓީއެފަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއަރއަކީ މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ. އަދި މިއީ ކަޒަކިސްތާނުގައި މިދާއިރާގެ އެންމެ ކުރީސަފުގައި ބާއްވާ ފެއަރއެކެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެއަރގައި އެކުންފުނީގެ އަމާޒަކީ ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ އެޖެންޓުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކޮށް، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުންކަމަށެވެ.
މިފެއަރގެ ތެރެއިން ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ދިވެހިރާއްޖޭގެ މަންޒިލުގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތައް ދައްކާލާ، ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ކޭއައިޓީއެފްގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑަކީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ސްޓޭންޑެކެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަޝިއާ އާއި ސީއައިއެސް ޓްރެވަލް ޓްރޭޑްގައި ބައިވެރިވެ، އެކި މަންޒިލާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދައި ޕާޓްނާޝިޕްގެ ފުރުސަތުތައް ދެނެގަނެވޭނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ސީއައިއެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް މުހިންމު ސަރަޙައްދެކެވެ. އެމްއެމްޕީއާރުސީން ސީއައިއެސް މާކެޓުގައި މާކެޓިންގެ ތަފާތު ހަރަކާތްތައް ހިންގައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ، ރާއްޖޭގެ އެކި މަންޒިލް އިޝްތިހާރުކޮށްފައިވެއެވެ. އަދި މިސަރަހައްދުގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ރާވާފައިވެއެވެ. އަދި މާކެޓުގައި ދިވެހިރާއްޖޭގެ މަންޒިލްތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ވިޒިބިލިޓީ ދެމެހެއްޓުމަށް ސޯޝަލް މީޑިއާކެމްޕެއިނެއް ވެސް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ