ސްޕެޝަލް ވީސާގައި ތިބޭ މީހުންގެ ވިސާ ޗުއްޓީ އަށް ފަހު އަންނައިރު ކެންސަލް ނުވާ ގޮތަށް ހަމަޖައްސައިފި

ސްޕެޝަލް ވިސާގައި ތިބޭ ބިދޭސީން ޗުއްޓީއަށް ގޮސްފައި އަންނައިރު ވިސާ ކެންސަލުވުމުން ސަރުކާރަށް ދަތިވާތީ އެފަދަ ބިދޭސީން ބޭރަށް ދިއުމަށް ފަހު އެނބުރި ރަސްމީ މަސައްކަތަށް އައުމުން އެތެރެވާ ބަނދަރަކުން ސްޕެޝަލް ވިސާ ދޭ ގޮތަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނީ ސަރުކާރުގެ އެކި ބޭނުންތަކަށް ހިލޭ ސާބަހަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ދޫކުރާ ސްޕެޝަލް ވިސާ ނުވަތަ ސިންގަލް އެންޓްރީގައި އުޅުމަށް ފަހު ޗުއްޓީގައި ދިއުމުން މިހާރު ކެންސަލުކުރާ ކަމަށެވެ. ނަމަވެސް އެހެން އޮތުމުން ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ބޮޑެތި ދައްޗާ ކުރިމަތިވާ ކަމަށެވެ. އެ ޑިޕާޓްމަންޓުން ބުނީ މި މައްސަލަ ހައްލު ކޮށްދިނުމުގެ ގޮތުން ތިން މަހަށް ވުރެ ގިނަ ދުވަހަށް ސްޕެޝަލް ވިސާގައި ތިބޭ ބިދޭސީން ޗުއްޓީ އާއި އެނޫން ކަންކަމުގައި ބޭރަށް ދިއުމަށް ފަހު ކުރިން ކުރަމުން އައި ރަސްމީ މަސައްކަތަށް އަންނަ ނަމަ އެ ބިދޭސީއަކު އެތެރެވާ ބަނދަރަކުން އާ ސްޕެޝަލް ވިސާއެއް ދޭން ނިންމާފައިވާ ކަމަށެވެ.މި އާ އުސޫލަށް މި މަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުންނެވެ.އިމިގްރޭޝަނުން ބުނީ އެފަދަ ފަރާތްތަކުން، އިމިގްރޭޝަނުން ދޫކޮށްފައިވާ އައިޑީ ކާޑް އެތެރެވާ ބަނދަރެއްގައި ހުންނަ އިމިގްރޭޝަނަށް ހުށަހެޅުމުން އެ ތަނަކުން އާ ސްޕެޝަލް ވިސާ ދޫކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ