އަލިދުއާއި ކުޑަރަށުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި

ހއ. އަލިދުއާއި ކުޑަރަށުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޔޮޓް ޓުއާސް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުއްޔާއި، ޖޫރިމަނާ ނުދައްކައިގެން އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ދައުލަތުން އެދުމުން، ދެ ފަރާތުން ވާހަކަދެއްކުމަށްފަހު އެ ކުންފުނިން ހުށަހެޅި ދައުވާ އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްތައް ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށާއި މީގެ އިތުރުން އެ ދެ ރަށާއި ގުޅިގެން މީރާއިން ކުރަމުން އަންނަ ދައުވާތައް އަނބުރާ ގެނެސް އިތުރު ދައުވާއެއް ނުކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށްވެސް ޔޮޓް ޓުއާސް އިން ބުނެ އެވެ.
އެ ދެ ރަށާއި ގުޅިގެން ދެ ފަރާތުން އެއްބަސްވި ގޮތަށް ދައުލަތުން ކޮށްފައިވާ ދައުވާތައް ދޫކޮށްލާތީ ކުރިން ދައުލަތުން އަމަލުކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި 30 މިލިއަން ޑޮލަރުގެ ދައުވާ އަނބުރާ ދޫކޮށްލަން ނިންމާފައިވާ ކަމަށްވެސް ޔޮޓް ޓުއާސް އިން ވަނީ ބުނެފައެވެ. އެކުންފުނިން ބުނީ ލީސް އެގްރިމަންޓް ބާތިލްކޮށް އެ ކުންފުންޏަށް ކުރިން ފޮނުވި ނޯޓިސްތައް އަނބުރާ ގެންގޮސް، ކުރިން ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.
ޔޮޓް ޓުއާސް އިން ބުނީ އެ ކުންފުންޏާއި ސަރުކާރާ ދެމެދު މިމަހުގެ 8 ވަނަ ދުވަހު ސެޓްލްމަންޓް އެގްރިމަންޓެއްގައި އަލުން ސޮއިކޮށްފައިވާތީ އޭގައިވާ ގޮތުގެ މަތިން އެ ދެ ރަށާއި ގުޅިގެން މިވަގުތަށް ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ޖޫރިމަނާއެއްވެސް ނޯންނާނެ ކަމަށެވެ.
ހއ. އަލިދުއާއި ކުޑަރަށުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ގާތްގަނޑަކަށް ހަތް މިލިއަނެއްހާ ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ