ވައި ހެޔޮވަރު، މޫސުން ރަނގަޅު، މާދަމާ ފުރަން ގައްބެ ތައްޔާރު

ކެޓަމަރާނެއްގައި ރާއްޖެ ވަށައި މީހަކު ކުރާ ފުރަތަމަ ދަތުރަށް، ށ. ފޭދު އަށް އުފަން އަބްދުލްޣަފޫރު (ގައްބެ) މާދަމާ މާލޭން ފުރާނެ އެވެ. ގައްބެ ބުނީ އިއްޔެ ހަވީރު ވައި ޖެހުނީ އުތުރަށް ނަމަވެސް، ދެކުނަށް ކުރާ އެ ދަތުރަށް މިހާރު ވައިހެޔޮވަރު ކަމަށެވެ. އަދި މޫސުން ރަނގަޅުވެފައި، ވައި ހުރިގޮތުން ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ ކަމަށް ބުންޏެވެ. "ވައި މިހިރީ އެންމެ ހެޔޮވަރުގައި. ކުޑަކޮށް އިރަށް (ވައި) ހުއްޓަސް އޮޔާ އެއްކޮޅަށް ދަތުރު ކުރާތީ ފަސޭހަވާނެ. އެހެންވީމަ، މާދަމާ އިރާދަކުރެއްވިއްޔާ ދަތުރު ރަނގަޅުވާނެ،" ގައްބެ ބުންޏެވެ. ރާއްޖެ ވަށައި ރިޔަލުގައި ކުރާ އެ ދަތުރުގެ އަމާޒަކީ 23 ދުވަހުގެ ތެރޭގައި ދަތުރު ފުރިހަމަކުރުމެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް މަޑުކޮށް، އެ ރަށްތަކުގެ ރީތިކަމާއި ވާހަކަތައް ގިނަ ބަޔަކަށް ފޯރުކޮށްދޭނެ އެވެ. މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ގައްބެ ފުރާނީ އިއްޒުއްދީން ފާލަމުންނެވެ. އެއަށް ފަހު އޭނާ އެންމެ އަވަހަށް ރަށަކަށް ވަންނާނީ ވ. އަތޮޅަށެވެ. ގައްބެ ބުނީ މާދަމާ ހެނދުނު ފުރައިފި ނަމަ ހަވީރު ވ. އަތޮޅަށް ވަދެވޭނެ ކަމަށެވެ. އެޓޯލް ސެއިލާ އާއި ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރާ އެ ދަތުރު ފަށާ ގޮތަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަސްކޮށްލީ އެވެ. ގައްބެ ބުނީ ވާރޭ ވެހުނު ނަމަވެސް ކޮޅިގަނޑެއްގައި ނުޖެހޭހާ ހިނދަކު އޭނާ އަށް ދަތުރުކުރެވޭނެ ކަމަށެވެ. "މިއީ ދަތުރު ކުރަން އެންމެ ފައްކާ ދުވަސްވަރު. ގަދަ އަށް ވައި ޖެހެންޏާ ދަތުރުކުރަން ފަސޭހަވާނެތާ. އެކަމަކު ކޮޅިގަނޑެއް އުޅެންޏާ އަޅުގަނޑަކަށް ދަތުރެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ. "ހަވީރަ"ކީ ރާއްޖޭގެ ރީތިކަން ދައްކާލައި، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގައްބެ ކުރާ މި ދަތުރުގެ މީޑިއާ ޕާޓްނަރެކެވެ. އަނެއް މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި މުޅި އިވެންޓުގެ މެއިން ސްޕޮންސަރަކީ އެލިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ