މިނިވަންކަން ނުގެއްލޭ ވަރަށް ގައުމުގެ ދޮރުތައް ހުޅުވާނެ ގޮތް މިއަދުގެ ވެރިން ވިސްނަން ޖެހޭ: އުމަރު

އިގްތިސޯދީ ކުރިއެރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިނިވަންކަން ނުގެއްލޭ ވަރަށް ގައުމުގެ ދޮރުތައް ހުޅުވާނީ ކިހިނަކުންކަން މިއަދުގެ ވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމުހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ގައުމެއްގެ ސިޔާސީ މިނިވަންކަމާއި އިގްތިސޯދީ މިނިވަންކަމަކީ މިއަދު ގުޅިލާމެހިފައިވާ ދެކަން ކަމަށާއި އެހެންކަމުން އިގްތިސޯދީ ކުރިއެރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު ގައުމުގެ މިނިވަންކަމުގެ ވަލަށް ދޫދޭނީ ކިހާ މިންވަރަކަށްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
"މިއަދަކީ ގައުމުތައް އަޅުވެތި ކުރުމުގެ ގޮތް ބާވަތް ބަދަލުވެފައިވާ ޒަމާނެއް. މިއަދުގެ ދުނިޔޭގައި ގައުމުތައް އަޅުވެތި ކުރެވެނީ އިގުތިސާދީ އަޅުވެތިކަމުގެ ތެރެއިން. އެހެންކަމުން ސްޕެޝަލް އެކޮނޮމިކް ޒޯންތައް ކަނޑައަޅައި ހިންގުމުގައި އެކަންކަމަށް ސަމާލުކަން ދޭންޖެހޭ،" އުމަރު ވިދާޅުވި އެވެ.
ދިވެހި ގައުމުގެ އިގްތިސޯދު މުޅި ދުނިޔެއަށް ހުޅުވާލެވި ރާއްޖޭގައި އިގްތިސޯދީ ޒޯންތަކެއް ކަނޑައެޅިގެންދާ އިރު އުސޫލުތަކާއި ހަމަތަކާއި ގާނޫނުތަކުގެ ތެރެއިން ދިވެހި ގައުމިއްޔަތާއި ގައުމުގެ ސިޔާދަތަށްޓަކައި ހިފެހެއްޓެން ޖެހޭ ކަންކަން ހުންނާނީ ހިފެހެއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބަނދެވެންޖެހޭ ތަންތަން ހުންނާނީ ބަނދެވި ބަރައްކީލު އެޅިފައި ކަމަށާއި އޭގައި ކުޑަ ވެސް ދޯހަޅި ކަމެއް ގެލެރީކަމެއް ނުހުންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދިވެހިން އަބަދުވެސް މިނިވަންކަމަށް ލޯބި ކުރާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހިން ވަނީ އެ ހައްގު ހޯދުމަށް ގިނަ ގުރުބާނީތަކެއް ވެފައި ކަމަށެވެ. އިނިގިރޭސިންގެ އަތުން މިނިވަންކަން ހޯދުމުގައި ވެސް އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އިތުރުން ދިވެހި ރައްޔިތުން ވެސް ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ