އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް، ރައްޔިތުންގެ ހައްގުގައި ވޯޓް ދެއްވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން ކުރިން ފިނޭންސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ދިނުމަށް ލާޒިމްކުރާ ގިނަ ކަންކަން އެބަހުރި ކަމަށާއި އަދި ބަޖެޓް އެކުލަވާލާފައިވަނީ ފުރިހަމަ ގޮތަކަށް ނޫން ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަޖެޓަށް ވޯޓް ދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކޮންމެ ރަށެއްގައި ޕްރީސުކޫލެއް ހައްދަވައި ދެއްވުމަކީ ދައުލަތުގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށާއި، އެގޮތުން މިހާރު ޕްރީސުކޫލް ނެތް ތަންތަނުގައި ގާތްގަނޑަކަށް 150 ވަރަކަށް މިލިއަން ރުފިޔާއިން އެކަން ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ނުކޮށް އަޅުގަނޑުމެންގެ ޅަދަރިންނަށް ތައުލީމް ދޭން ވިސްނަނީ ކިހިނެއް ކޮންގޮތަކުންތޯ ސުވާލު އުފެދޭ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް 24.3 ބިލިއަން ރުފިޔާގެ ބެޖެޓެއް ފާސްވެގެންދާއިރު ތަފާތު ޕްރޮޖެކްޓްތަކަށް ހަ ބިލިއަން ރުފިޔާގެ ކެޕިޓަލް އިސްވެންޓްމަންޓަތައް އަންނައިރު، ތައުލީމަށް އަހަމިއްޔަތުކަން ދެވެނީ ކިހާ މިންވަރަކަށްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން ގާސިމް ވަނީ މަތީ ތައުލީމަށް ދާން ބޭނުންވާ ހާއްސަކޮށް ޕީއެޗްޑީ ހަދަން ބޭނުންވާ ޒުވާނުންނަށްވެސް ބަޖެޓްގައި އެއްވެސް އެއްޗެއް ހިމަނާފައި ނެތްކަން ފާހަގަކުރައްވާފަ އެވެ.
"ޕީއެޗްޑީއަށް ދާން ބޭނުންވާ މީހަކަށް އެއްގޮތަކަށްވެސް ލޯނެއް ވިއަސް ސްކޮލަޝިޕެއްވިޔަސް ސަރުކާރުން ނުދެއްވާކަން ފާހަގަކުރެވޭ. މާދަމާ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭން ތިބި މީހުންނަކީ ޔުނިވަސިޓީތަކާއި ކޮލެޖުތަކާއި އެނޫންވެސް ރިސާޗްތައް ހައްދަވަން ތިއްބަވަނީ ޕީއެޗްޑީ ހޯލްޑަރުން ނުވަތަ ޕްރޮފެސަރުން. އެހެންވީމަ އެކަމާއި މެދު އަޅުގަނޑުމެން ވިސްނަންޖެހޭ،" ޤާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށްވެސް ބަޖެޓްގައި ވަރަށް ނިކަމެތިކޮށް ހިތާފައި ހުރި ކަމަށެވެ. އެއިން ދޭަހަވަނީ މިނިވަން މުއައްސަސާތަކުގެ މާބޮޑު ބޭނުމެއް ނެތުން ކަމަށްވެސް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތައް ދަމަހައްޓާ ނަގަހައްޓަން ގާނޫނު އަސާސީގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާއިރު މިނިވަން މުއައްސަސާތަކުގެ ބެޖެޓް ހިފަހައްޓާނަމަ މުއައްސަސާތަކުގެ މުސްތަގިއްލު ކަން ގެއްލި ގައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހިންގުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އެހެންކަމުން މިފަދަ ކަންކަމާއިމެދު ސަރުކާރުން ވިސްނުމަށް އަޅުގަނޑު އެދެން،" ގާސިމް ވިދާޅުވި އެވެ.
ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ބަޖެޓްގައި އިސްލާހުކުރަންޖެހޭ މުހިއްމު އެތައް ކަމެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް ރައްޔިތުންގެ ހައްގުގައި ބަޖެޓަށް ވޯޓުދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ ހައްގުގައި ބަޖެޓަށް ވޯޓް ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ