ހަވީރު ސްޕޯޓްސް އެވޯޑަށް ވާދަކުރާ ކުޅުންތެރިނާއި ކޯޗުން ހޮވައިފި

ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް ކަމަށްވާ "ހަވީރު" ނޫހުން ދެމުން އަންނަ "ހަވީރު ސްޕޯޓްސް" ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުން ހޮވުނު ކުޅުންތެރިން ރޭ ހޮވައިފި އެވެ.
ހަވީރު ނޫހުން ބުނީ، ހަވީރު ސްޕޯޓްސްއަށް ކުޅުންތެރިން ހޮވަނީ ހާއްސަ ކޮމެޓީއަކުން ކަމަށާއި އެކޮމެޓީގައި ތިއްބަވާނީ ފުޓްބޯޅަ ކޯޗުންނާއި ހަވީރުގެ މެނޭޖަރުން އަދި ކުރީގެ ކުޅުންތެރިންނާއި ރެފްރީންގެ އިިތުރުން ނޫސްވެރިން ކަމަށެވެ.
ހަވީރު ނޫހުން ބުނީ، އެމަގާމަށް ވާދަކުރާ ކުޅުންތެރިން ނަކީ ޗެމްޕިއަން ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރާއި ޝާފިއު އަހުމަދު (ޝާފީ) އާއި ރަނަރަޕް މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އާރިފް (ބަކާ) އަދި ތިން ވަނަ ހޯދި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވޭ ކުޅުންތެރިއަކަށް ހަވީރު ނޫހުން 30،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަވީރު ނޫހުން ބުނީ، ކޮންމެ މުބާރާތަކުން ވެސް އެވޯޑަށް ގަދަ ފަސް ކުޅުންތެރިން ކަނޑައެޅި ނަމަވެސް މި ފަހަރު ދެ ކުޅުންތެރިއެއްގެ މާކްސް އެއްވަރުވުމުން، ފަނޑިޔާރުން ނިންމެވީ ގަދަ ހަ ކުޅުންތެރިން ކަނޑައަޅާށެވެ.
ހަވީރު ނޫހުން ވަނީ މިއަހަރުގެ ދިރާގް ދިވެހި ލީގުގެ ލީގުގެ ތިން ވަނަ ބުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަން ވެސް އިއުލާން ކޮށްގައެވެ. އެގޮތުން އެ މަގާމަށް ވާދަކުރާ ކުޅުންތެރިންނަކީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ވެލެންސިއާގެ އަލީ ހަމްދާން އާއި އީގަލްސްގެ އިބްރާހިމް ހަމްދާން އާއި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަދި އީގަލްސްގެ ހުސެއިން ޝިފާއު ޔޫސުފް ކަމަށް ހަވީރުން މައުލޫމާތު ދެއެވެ.
މިފަހަރުގެ ހަވީރު ސްޕޯޓަސްއަށް ދިރާގް ދިވެހި ލީގުން ވާދަކުރާ ކޯޗުން ނަކީ ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމް އާއި މާޒިޔާގެ ކޯޗު އަލީ ސުޒޭން އާއި ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް އާއި އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) އަދި މަހިބަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ހަވީރުގެ ޓްރޮފީއާ 15،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ަމީގެއިތުރުން ހަވީރުގެ ޓްރޮފީއާ އެކު 15،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ ޝިފާން އަބްދުއްރަހީމާއި އަލީ ސަލީމާއި ޒައީމް އަލީ އާއި މުހައްމަދު ޖާވިޒް އަދި އާދަމް ފަޒީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ