ބޭރުގެ އެހީ ހޯދަން ޖެހޭނީ ކޮންމެހެން ބޭނުންވާ ކަންކަމުގައި ރައްކާތެރިކަމާއި އެކު މިނިވަންކަމަށް އެކަމުގެ ސަބަބުން ބުރުލެއް ނާރާނެ ގޮތެއްގެ މަތިންކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ތ ދިޔަމިގިލީގައި ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ، މި ބަވަނަވެފައިވާ ދުނިޔޭގައި އެހީގެ ނަމުގައި އަންނަ ތަފާތު ކަންކަމުން ދިވެހިރާއްޖެއަށް ސަލާމަތްވެގެން ނޯވެވޭނެކަމަށާއި، އެކަމަކު ބޭރުގެ އެހީ ހޯދި ނަމަވެސް ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި އިސްތިގުލާލު ނުގެއްލޭ ގޮތަށް އެހީ ހޯދުމަކީ މުހިންމުކަމެއްކަމަށެވެ.
އަދި ވިދާޅުވީ، މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ކުރަމުންދާ މަސައްކަތަށް ވުރެ މިނިވަންކަން ދިފާއުކޮށްފައި ބޭއްވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. މިނިސްޓަރ އުމަރު ވިދާޅުވީ، މިއަދު ގައުމުތައް އަޅުވެތިކުރަނީ ކަނޑިބަޑިއާއި ހަތިޔާރުގެ އިތުރުން މަނަވަރާއި ޓޭންކަރުތަކުގެ އެހީގައި ނޫންކަމަށާއި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ނިގުޅައިގަންނަނީ އެހީއާއި ތަފާތު އެކި އެކި ނަން ނަމުގައި ކަމަށެވެ.
މީގެ އިތުރުން ކަމެއް ހާސިލުކުރަން ބޭނުންވާނަމަ އެކަމެއް ހާސިލުކުރުމަށް ވަލު ދޮރާށިން ވަންނާނެ ގޮތް އެ ބަޔަކު ހޯދާނެކަމަށާއި، އެޮގުތުން އެހީ ދިނުމުގެ ނަމުގަޔާއި، އިގްތިސާދީ އެހެނިހެން ކަންކަމުގައި ގައުމަށް އެތެރެވެ ގައުމުގެ މިނިވަންކަމަށް ނުރައްކާކުރާނެކަމަށް މިނިސްޓަރ އުމަރު ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން ތިބެން ޖެހޭނީ މިނިވަންކަމަށް ފާރަވެރިވެގެން. އަޅުގަމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލު ނުގެއްލޭ ގޮތަށް. އެހީ ދީފާނެ އެހީގެ ތެރޭގައި، އަޅުގަނޑުމެން ކަރުއެޅޭ ގޮތަށް، އެހީގެ ތެރެއިން އަޅުގަނޑުމެންނަށް ނުނިކުމެވޭނެ ގޮތަށް. އަޅުގަނޑުމެން އެހީއަކަށް ބަރޯސާ ވެސް ކުރުވަފާނެ ބަޔަކު. މި އެހީއާ ނުލާ ދެން ނޫޅެވޭ ވަރަށް ވެސް ބަރޯސާ ކުރުވަފާނެ. އެހެންވީމާ އަޅުގަނޑުމެން މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށްޓަކައި އެހީ ވެސް ހޯދަން ވާނީ ރައްކާތެރިކަމާ އެކު ބަލައިގެން،" އުމަރު ވިދާޅުވި އެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތަށް އިޝާރާތް ކުރައްވާ މިނިސްޓަރ އުމަރު ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރަސީ އައީ ފޮރުވިފައިވާ އެތައް ކަމެއް އޭގެ ތެރޭގައި ހިމެނިގެންކަމަށާއި، އެ ގޮތުން ރާއްޖެ އަށް ފުރަތަމަ ޑިމޮކްރަސީ ގެނައީ އެހެން ދީންތަކަށް ފުރުސަތު ލިބޭ ފަދަ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ގެންނަންޖެހޭނީ އަޅުގަނޑުމެން ގަބޫލުކުރާ ޑިމޮކްރެސީއެއް. އެހެން ނޫނީ ޑިމޮކްރެސީގެ ތެރޭގައި އޮވެދާނެ ފޮރުވާފައި އޮންނަނ އެހެން އެއްޗެއް. ފަހުން އަޅުގަނޑުމެންނަށް އެނގުނީ އަޅުގަނޑުމެންގެ ތެރެއަށް ޑިމޮކްރެސީ ގެނައިއިރު ޑިމޮކްރެސީގެ ތެރޭގައި އެހެން ދީންތަކެއް ފުރުސަތު ދިނުން ފޮރުވާފައި އޮތްކަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅވީ ކޮންމެ ގައުމެއްގައި ވެސް ލުތުފީ ފަދަ ޣައްދާރުން އުފެދޭނެ ކަމަށާއި ރާއްޖޭގައި ވެސް އުފެދުނީ ހަމައެކަނި ލުތުފީއެއް ނޫން ކަމަށެވެ. މިނިސްޓަރ އުމަރު ވިދާޅުވީ، ގައުމިއްޔަތާއި ދީނުގެ ދިފާއުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް އަދި ގުރުބާންވާން ޖެހުނު ކޮންމެ ދަނޑިވަޅެއްގައި ގުރުބާން ވާން ތައްޔާރަށްކަމަށެވެ. ގައުމު އެދި ގޮވާ އަޑު ރައްޔިތުންނަށް ނީވިއްޖެނަމަ ގައުމަށް ދިމާވާ ބޮޑެތި ކަންކަން ހަމަޖެއްސޭނެ ގޮތެއް ނޯންނާނެކަމަށެވެ. ދިވެހި ރައްޔިތުންނަކީ، ގައުމު ގޮވާ އަޑު އިވުމުން ތެދުވަން ކެރޭ ބަޔަކަށް ނުވާނަމަ މިނިވަންކަން މިގޮތުގައި ދެމި އޮތުމަކީ ނާދިރުކަމެއްކަމަށާއި، ބޮޑެތި އެތައް ގައުމުތަކެއްގެ މެދުގައި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ ސިއްރަކީ ދިވެހިންގެ ހިތުގައި ގައުމީ ވަހުދަތުގެ އަސަރު ހުރުމުންކަމަށް މިނިސްޓަރ އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ޖީލުގެ އަމާޒަކަށް ވާން ޖެހޭނީ ދެން އަންނަ އޮތް ޖީލުތަކާއި ހަމައަށް ވެސް އެ ހުޅުކޮޅު ނިވުނަ ނުދީ އެގޮތުގައި ބޭއްދުންކަމަށާއި، ބަވަނަ ވެފައިވާ މި ދުނިޔޭގައި އެއީ ކުރަން ފަސޭހަ ކަމެއް ނޫންކަމަށެވެ.
ރާއްޖޭގެ މިނިވަންކަމުގެ އަދި ރާއްޖޭގެ އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމުދީންކަމަށާއި، އެންމެން އެއްދީނެއްގެ މަތީގައި ތިބި ތިބުންކަމަށް އުމަރު ވިދާޅުވި އެވެ. އަދި ރާއްޖެ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ ވެސް އިސްލާމުދީންކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ރާއްޖެއަށް ތަފާތު ދީންތައް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވާ މިނިސްޓަރ އުމަރު ވިދާޅުވީ، އެއް ދީނެއްގައި ދިވެހިން ތިބި ތިބުން ނައްތާލުމަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިންކަަމަށެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައި އޮވެދާނެކމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެހީ ހޯދަން ވާނީ މިނިވަންކަމަށް އަސަރު ނުކުރާނެ ގޮތަކަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ