ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެނޭ: ރައީސް ނަޝީދު

މަޝްހޫރު ޢިލްމުވެރިޔާ ބިލާލް ފިލިޕްސް ރާއްޖެ ގެންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ބިލާލް ފިލިޕް ރާއްޖެ ގެންނަވަން ފެނިވަޑައި ނުގަންނަވާ ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާމީ ގިނަ މުޖުތަމަޢުތަކުން ފިލިޕްސް ގެ ދީނީ ނަސޭޙަތްތައް ބަލައިނުގަތުމެވެ.
"ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭޙަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މަޖުތަމަޢުތަކުން ބަލައެއް ނުގަނޭ. އެބޭފުޅާ ރާއްޖެ ގެންނާކަމަށް ނުފެނޭ،" ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ކުރިން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ވަނީ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަވަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ.
ފިލިޕްސް ރާއްޖެ ވަޑައިގަންނަވަނީ ޔޫތުމިނިސްޓްރީގެ ދަޢުވަތަކަށެވެ. ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވެފައިވަނީ މާރިޗު މަހު 12 އިން 18 އަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވުމުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވަނީ ރައްދުދެއްވަވައިފިއެވެ. "ދީނީ ނަސޭޙަތް ރަނގަޅު ގޮތުގައި ދެއްވާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ވަކިކުރައްވަން އެނިގިވަޑައިގަންނަވާ ވަރަށްވުރެ މަނިކުފާނުގެ ލާދީނީކަން ބޮޑު. ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ. ފަތަށް ވެސް ލިޔުއްވާނީ އެގޮތަށް،" ޑރ. އިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ