ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ލަފާ ކޮށްފިއެެވެ.
މެޓް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގައި ވައި ޖެހުމާއެކު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އިރު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރައްވައެވެ.
މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެފަރާތުން ކޮށްފައިވާ އިލްތިމާސްގައި ބުނަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވުމުން ކަނޑު ދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމަތު ސާފުކުރުމަށާއި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކު ކުރުމަށް ވެސް ސިފައިން އެދިފައި ވެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ސަމާލު ވުމަށާއި މުދާ ބަރުކުރުމުގައި ގަވާއިދު ތަކަށް އަމަލުކުރުމަށް ވެސް އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ