ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވެ، މިޔަންމާގެ ރައްޔިތުން ބައެއް ސަރަހައްދުތައް ބަންދު ކުރަނީ
ޔަންގޮން (ސެޕްޓެމްބަރު 13): މިޔަންމާގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވުމާ ގުޅިގެން އެގައުމުގެ ބައެއް ރައްޔިތުން އެމީހުން ދިރިއުޅޭ ސަރަހައްދުތައް އަމިއްލައަށް ބަންދު ކުރަން ފަށައިފި އެވެ. މިޔަންމާގައި މިހާތަނަށް 2،600އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެގައުމުގައި ދަނީ ވައިރަހުގެ ދެވަނަ ރާޅެއް ފެންނަމުންނެވެ. އެގޮތުން އެގައުމުގެ އެތެރެއިން ވައިރަސް ނުފެތުރޭތާ ހަފްތާތަކެއް ފަހުން މިދިޔަ މަހު ރާހީން ސްޓޭޓުން ވައިރަހުގެ ކޭސްއެއް ފެނި، އޭރުން ފެށިގެން ވައިރަހުގެ ކޭސްތައް ވަނީ ހަތަރު ގުނަ އިތުރުވެފަ އެވެ. މިޔަންމާއިން އެންމެ ފަހުން ވައިރަހުގެ ކޭސްތައް ގިނައިން ފެނިފައި ވަނީ ގައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ ޔަންގޮންއިންނެވެ. އަދި މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އެ ސިޓީގެ ރައްޔިތުން ގޭގައި ތިބުމަށް އަންގާ، އެއާލައިންތަކާއި ބަހުގެ ހިދުމަތްތައް ގެނެސްފަ އެވެ. ނަމަވެސް އެ ސިޓީގެ ބައެއް ރައްޔިތުން ވަނީ އިތުރު ފިޔަވަޅެއްގެ ގޮތުން އެ މީހުން ދިރިއުޅޭ ޑިސްޓުރިކްޓުތަކަށް މީހުން ވަދެ ނުކުމެ އުޅުން ހުއްޓުވުމަށްޓަކައި، އެ ސަރަހައްދުތައް އަމިއްލައަށް ދަގަނޑު ބެރިކޭޑުތަކުން ބަންދުކޮށްފަ އެވެ. އެ ބެރިކޭޑުތައް ހަދާފައި ވަނީ ސިޓީގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ ނުލައި ކަމުން އޭގެއިން އެންމެ ބޮޑު ބެރިކޭޑުތައް ނަގަން މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް ބައެއް ޑިސްޓުރިކްޓުތަކުން ވަނީ އަމުރަށް ތަބާވާން ދެކޮޅު ހަދާފަ އެވެ. މިޔަންމާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން މިހާތަނަށް 15 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ރިޕޯޓު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ