ކިޔަވަން ދަނީ 99،300 ކުދިން، 16 ޕަސެންޓު ކުދިން ނުކިޔަވާ، ތަމްރީނެއް ނުހަދާ އަދި މަސައްކަތެއް ވެސް ނުކުރޭ ކިޔަވަން ދަނީ 99،300 ކުދިން، 16 ޕަސެންޓު ކުދިން ނުކިޔަވާ، ތަމްރީނެއް ނުހަދާ އަދި މަސައްކަތެއް ވެސް ނުކުރޭ

ދިވެހިރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން 99،300 ކުދިން ކިޔަވަންދާ ކަމަށާއި ނަމަވެސް 16 ޕަސެންޓު ކުދިން ނުކިޔެވުމުގެ އިތުރުން ތަމްރީނެއް ނުހަދާ އަދި މަސައްކަތެއް ވެސް ނުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހޮނިހިރު ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ދިރިއުޅޭ ދިވެހި ކުޑަކުދިންގެ އާބާދީއަކީ 131،154 އެވެ. އެއީ ރާއްޖޭގެ މުޅި ޖުމުލަ އާބާދީގެ 21.8 ޕަސެންޓެވެ.
ކުޑަކުދިންގެ ތެރެއިން 91 ޕަސެންޓު ކުދިންނަކީ ކޮންމެވެސް ގޮތަކުން ކިޔަވަމުންދާ ކުދިންނެވެ. އެއީ 99،300 ކުދިންނެވެ. ކިޔަވާ ކުދިންގެ ތެރެއިން އެންމެ ގިނައީ ކިޔަވާ އަންހެން ކުދިންނެވެ. އެކަމަކު، ކުޑަކުދިންގެ އާބާދީގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެ އާބާދީގެ ތެރެއިން ފިރިހެން ކުދިންގެ އާބާދީއަކީ 68،396 ކުދިންނެވެ. އަންހެން ކުދިންގެ އާބާދީއަކީ 62،758 ކުދިންނެވެ. އޭގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ މާލެ ނޫން ރަށްރަށުގަ އެވެ. މާލެ ނޫން ރަށްރަށުގައި 77،385 ކުދިން ދިރިއުޅެ އެވެ. މާލޭގައި ދިރިއުޅެނީ 53،769 ކުދިންނެވެ.
ނުކިޔެވުމުގެ އިތުރުން ތަމްރީނެއް ނުހަދާ އަދި މަސައްކަތް ނުކުރާ 16 ޕަސެންޓު ކުދިން އުޅުނު ނަމަވެސް 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު މަސައްކަތް ކުރެ އެވެ. އެއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ.
މަސައްކަތް ކުރާ ކުޑަކުދިންގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ. މަސައްކަތް ކުރާ ކުޑަދިންގެ އާބާދީގެ 58 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. މަސައްކަތް ކުރާ ކުޑަކުދިންގެ އާބާދީގެ ތެރެއިން 42 ޕަސެންޓަކީ އަންހެން ކުދިންނެވެ.
މަސައްކަތް ކުރާ ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން މަސައްކަތް ކުރަނީ ހޯލްސޭލް/ރީޓެއިލް ވިޔަފާރި އާއި މޮޓޯ ވެހިކަލް މަރާމާރު ކުރުމުގެ ވިޔަފާރީގަ އެވެ. ދެން އެންމެ ގިނަ ކުދިން މަސައްކަތް ކުރަނީ އެކޮމޮޑޭޝަން އަދި ކެއިންބުއިމުގެ ވިޔަފާރީގަ އެވެ. އޭގެ އިތުރުން ދައުލަތުގެ އިދާރީ، ސަލާމަތީ އަދި އިޖްތިމާއީ މަސައްކަތުގެ ދާއިރާގައި ވެސް ވަރަށް ގިނަ ކުދިން މަސައްކަތް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ