ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ފަރަގު ބޮޑު ވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ކުރާ ހޭދައިގެ މިންވަރު މަތިވިއިރު ލިބޭ އާމްދަނީ މަދުވެފައި ވާތީ ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދުގެ ފަރަގު ބޮޑުތަނުން ތަފާތު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ "ހަފުތާގެ މާލީ ހިސާބުތައް" ދައްކާ ގޮތުގައި މިހާތަނަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީ ހިމަނައިގެން ލިބިފައިވަނީ 6.2 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 5.1 މިލިއަން ރުފިޔާ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އަށް މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މިހާތަނަށް ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑަށް ދަށްވެފައިވަނީ ހިލޭ އެހީއެވެ. މިދިޔަ އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 467.1 މިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް ލިބުނީ 25 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް ކުރެވިފައިވާ ހޭދަ 11 ބިލިއަން ރުފިޔާއަ ށް އަރަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވަނީ 10 މިލިއަން ރުފިޔާ އެވެ. ހަރަދުގެ ތެރެއިން މުސާރަ އާއި ޕެންޝަނަށް 4.1 ބިލިއަން ރުފިޔާ ހޭދަ ވެފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ހޭދަވެފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.
ހަރަދުގެ ތެރެއިން ކެޕިޓަލް ހަރަދުތައް ދަނީ މަދުވަމުންނެވެ. ކެޕިޓަލް ހަރަދަށް އެންމެ ބޮޑަށް އިތުރުވެފައިވަނީ ލޭންޑް އެންޑް ބިލްޑިންގެ ހަރަދު ތަކެވެ. ލޭންޑް އަދި ބިލްޑިންގް ތަކަށް 994.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އިންފްރާސްޓްރަކްޗާ އެސެޓުގެ ހޭދަ ވެސް ވަނީ 891.4 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ލެންޑިން އަށް 660 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީ މަދުވެފައިވާތީ، މި އަހަރު ކުރިން ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާގެ ތެރެއިން ލިބޭނީ 14 ބިލިއަން ރުފިޔާ ކަމަށް ބުނެފަ އެވެ. އަދި މި އަހަރު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ ވަރު ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ