ބެއިރޫތު ގޮވުން: ތިން ލައްކަ މީހުން ގެދޮރު ގެއްލިފައި

ލެބަނާން (އޯގަސްޓް 5) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ބާރުގަދަ ގޮވުންތަކާއެކު ތިން ލައްކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ.
އިއްޔެގެ ހާދިސާގައި އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެ ހާދިސާގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މީހަކު މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެ އެވެ. އަދި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ. މި އަދަދުތައް އިތުރުވާނެ ކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.
ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.
އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުންކުރާ މާއްދާއެކެވެ.
ބާރުގަދަ ގޮވުމާއެކު ލެބަނާނުގެ ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ.
އަދި ކުރިއަށްއޮތް ދެ ހަފްތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ސަރުކާރުން މަޝްވަރާކުރަމުންދާއިރު، ގޮވުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.
އެ ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތައް ނުކުޅެދިފައިވާއިރު، 100 އަށް ވުރެ ގިނަ މީހުން ވީތަނެއް ނޭނގިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ