އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ނިންމާލައިފި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ނިންމާލައިފި އެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ 4 ބަޔަކަށް ބަހާލައިގެން ނެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.
މުބާރާތުގެ ކުޅުން އިއްޔެ ރޭ ނިމުނިއިރު، 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 25-22 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެން ނެވެ.
މުބާރާތުގެ 12 އަހަރުން ދަށުގެ ބައިގައި ޖުމްލަ 8 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލް އެވެ. އެ ސްކޫލުން މި ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހިރިޔާ ސްކޫލާ ވާދަކޮށް 21-20 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެން ނެވެ،.
މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ޖުމްލަ 7 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ. އަދި މި މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލް އެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޖަމާލުއްދީން ސްކޫލާ ވާދަކޮށް 33-32 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެން ނެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައިވެސް ޖުމްލަ 7 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) އެވެ. 19 އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައިވަނީ އެންމެ 2 ސްކޫލުންނެވެ. އެއީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ