ވާދަވެރިކަން އިންތިހާބާއި އެކުގައި ނިމޭނެ، ދެން މަސައްކަތް ކުރާނީ އެކުގައި: އަހުމަދު އަބްދުﷲ

އެމްޑީޕީ އަކީ އިންތިޚާބީ ވާދަވެރިކަމަށްފަހުވެސް އެކުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ އިންތިހާބު ކާމިޔާބުކުރި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިންމާލުމަށްފަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، ނިމިގެންދިޔަ އިންތިހާބުގައި ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކުގެ މެދުގައި އޮތް ވާދަވެރިކަމަކީ ހަމައެކަނި އިންތިހާބުގެ ތެރޭގައި އޮތް ވާދަވެރިކަމެއް ކަމަށެވެ. އަހުމަދު އަބްދުﷲ ވަނީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް އެޕާޓީގެ އާންމު މެމްބަރުން ނިންމެވި ގޮތް ގަބޫލުކުރުމަށް ފަހު އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
"މި ޕާޓީގައި މިދިޔައީ ވަރަށް ވާދަވެރި އިންތިހާބެއް، އެހެންނަމަވެސް އެ ވާދަވެރިކަމަކީ ހަމައެކަނި އިންތިހާބުގެ ތޭގައި އޮތް ކަމެއް، އަޅުގަނޑުމެންނަކީ އަބަދުވެސް އެއްކޮށް މަސައްކަތް ކުރަން ތިބި ބައެއް" އަހުމަދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް އަހުމަދު އަބްދުﷲ އާއި ވާދަކުރި އެއް ކެންޑިޑޭޓް ކަމަށްވާ އިބްރާހިމް ވަހީދު ވަނީ އަހުމަދު އަބްދުﷲ އިންތިހާބް ކާމިޔާބު ކުރިކަން ގަބޫލުކޮށްފައެވެ. އަހުމަދު އަބްދުﷲ ވަނީ އިބްރޭ އޭނާ އަށް ތާއީދު ކުރުމުން މަރުޙަބާ ދަންނަވާފައެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީގައި ނަމޫނާއި ދައްކަމުންދާ ޕާޓީއެއް ކަމަށެވެ. އަދި އިބްރޭގެ ޓީމުން ދެއްކި ނަމޫނާ އާއި އެކުގައި ކުރިއަށް އޮތް ތަނުގައި އިބްރޭގެ ޓީމާއި އެކުގައި މަސައްކަތް ކުރާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލާފައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލާފައިވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ އިބްރޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.
މި އިންތިހާބުގައި މިހާތަނަން އިއުލާން ކުރި ވަގުތީ ނަތީޖާއިން އަހުމަދު އަބްދުﷲ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު ކަށަވަރުކޮށްފައެވެ. އެމްޑީޕީން ބުނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަހުމަދު މަގާމް ކަށަވަރުކުރުމާއި އެކު، އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އާންމު މެމްބަރުން ދަނީ އަހުމަދު އަބްދުﷲ އަށް މަރުހަބާ ދަންނަވަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ