މެމްބަރު މުސްތަފާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ފުލުހުން ކުރާ ތަހުގީގަކަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މި މައްސަލާގައި މުސްތަފާ ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރަށެވެ.
މުސްތަފާ ފުލުހަށް ހާޒިރުވާން އަންގާ، އޭނާއަށް މިއަދު ފޮނުވި ޗިޓުގައި އަންގާފައިވަނީ، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި، ޣައިރު ގާނޫނީ އަމަލުތައް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ގޮވާލި ކަމަށްބުނެ ފުލުހުން ކުރާ ތަހުގީގަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ފުލުހަށް ހާޒިރުވާން މިއަދު އޭނައަށް ޗިޓް ފޮނުވިއިރު، މުސްތަފާ އެގޮތަށް ވާހަކަ ދައްކަވާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައެވެ.
އެ މައްސަލައާއި ގުޅިގެން ތިން މަސް ދުވަހަށް މުސްތަފާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.
މި މައްސަލާގައި މިމަހުގެ 8 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މުސްތަފާއަށް ޗިޓް ފޮނުވުމަށްފަހު ފަހުން ވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ