ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފި

ފަލަސްތީނުގެ ނާބުލުސްގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނާގެ ގަޔަށް ބަޑިޖަހާފައިވަނީ ނާބުލުސް ކައިރީގައި އޮންނަ ހައްވާރާގައި ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓެއް ކައިރިންނެވެ.
އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނު ޒުވާނާގެ ގަޔަށް ސިފައިން ބަޑިޖެހީ ޗެކްޕޮއިންޓްގައި ތިބި ސިފައިންނާއި ދިމާއަށް ވަޅިއެއް ހިފައިގެން ދުވެފައި އަންނަނިކޮށް ކަމަށެވެ. ވަޅި ހިފައިގެން އުޅޭ ކަމަށް ބުނެ އިސްރާއީލުން ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކުރުމަކީ އާންމުކޮށް މިހާރު ކުރާ ކަމެކެވެ.
ނަމަވެސް، ފަލަސްތީނާއި އަދި ފަލަސްތީނުގެ ބިންތަކުގައި ހަރަކާތްތެރިވާ ބޭރުގެ އެކިއެކި ފަރާތްތަކުން ނަގާ ފޮޓޯތަކާއި ވީޑިއޯތަކުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖެހުމަށް ދައްކާ ހުއްޖަތަކީ ހަގީގަތެއް ނޫންކަން ވަނީ ހާމަވެފައެވެ. ފަލަސްތީނުގެ އަންހެން ކުދިންނާއި ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލުމަށްފަހު ކައިރީގައި ވަޅިއެއް ބާއްވައި ފޮޓޯނަގައި އާންމު ކުރާކަންވެސް ވަނީ ހާމަވެފައެވެ.
ހައްވާރާގައި މިއަދު ފަލަސްތީނު ޒުވާނެއްގެ ގަޔަށް މިއަދު ބަޑިޖަހައި ޝަހީދުކޮށްލި ޗެކް ޕޮއިންޓަކީ ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ވަޒަންވެރިންވެސް ހުރަސްކުރާ ޗެކް ޕޮއިންޓެކެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު މީހުން ވަޅިހިފައިގެން ހުރީމާ ކަމަށްބުނެ، އެމީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކުރަމުންދާ މައްސަލާގައި އދއިން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ