މަބައްސާ: ހިންގުމުގެ ނިޒާމުގައި ރައްޔިތުން ބައިވެރިކުރުމަށް ގޮވާލާ ކެމްޕޭން ކުރިއަށް

'މަބައްސާ' އަކީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމުގައި ރައްޔިތުން ބައިވެރިކުރުމަށް ގޮވާލާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކްލައިމެޓް އިންޓަގްރިޓީ ޕްރޮޖެކްޓުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އާއްމުންނަށް ހުޅުވާލައިގެން 05އޮގަސްޓް 2016ގައި ހުޅުމާލޭގައި އައި.ޔޫ.ސީ.އެން މޯލްޑިވްސް އިން ހިންގި 'މުރަކަ މީހުން'ހަރަކާތުގެ ތެރެއިންނެވެ.
ބިމުގެ ގޮތުން ކުޑަ އަދި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބިންތިރި ގައުމުތަކުގެތެރޭގައި ހިމެނޭ، ދިވެހިރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްގިރުންފަދަ މޫސުމާއި ގުޅިގެން ކުރިމަތިކުވާ ކަންކަމަށް ވަރަށް ނާޒުކު ގައުމެކެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި، ދުނިޔޭގެ އެކިގައުމުތަކުގެ ސަރުކާރުންނާއި، އަމިއްލަ އެކިފަރާތްތަކުން، އެހީ އާއި ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިވެހިރާއްޖެއަށް ލިބެއެވެ. އެހެންނަމަވެސް، މިގޮތުން ލިބޭ ފައިސާ ހަރަދުކުރެވެނީ ކިހިނެއްކަމާއި، މިފައިސާއިން ހަރަދުކޮށްގެން ހިންގާ ކަންކަމުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެދެވޭ ބަދަލުތައް ފެންނަ މިންވަރު ރައްޔިތުންނަށް އެންމެ ރަނގަޅަށް ސާފުވެފައެއް ނޯވެއެވެ.
ރާއްޖެއަށް ލިބޭ ފައިސާގެ އަސްލު ފައިދާ ކުރަންޖެހޭ ފަރާތަކީ ހުދު ދިވެހި ރައްޔިތުންކަމުގައިވިޔަސް، މިފައިސާއިން ހަރަދުކޮށްގެން ހިންގޭ މަޝްރޫއު ތަކާ ބެހޭ މައުލޫމާތު ފަސޭހައިން އެއްތާކުން ލިބޭނެ ގޮތެއް ނެތުމުން، ރައްޔިތުން ބޭނުންވިނަމަވެސް މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހޯދާ، އެމަޝްރޫއުތައް އިތުރަށް ފުރިހަމަ ކުރުމުގައި ރައްޔިތުންގެ ޙިއްސާ އިތުރުކުރުމަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. އެހެންކަމުން، މިފަދަ މަޝްރޫއުތައް ރޭވުމުގެ މަރުޙަލާއިން ފެށިގެން، މަޝްރޫއުތައް ހިންގުމުގައިވެސް ރައްޔިތުންގެ ބައިވެރިވުން ކުޑަވުމުގެ ޝަކުވާ ވަރަށް ގިނައިން ރައްޔިތުން އުފުލައެވެ. ފަސޭހައިން މައުލޫމާތު ނުލިބިމާއި އިސްނަގައިގެން ކަންކަންމުގައި ރައްޔިތުން ނުބެއްސުމުގެ ނަތީޖާއަކަށްވަނީ ދިވެހިރާއްޖެއަށް ލިބޭ ފައިސާއިން ރައްޔިތުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ގޮތުގައި އަލިއަޅުވާލެވޭކަން ޔަގީންކޮށް،އެކަންކަން މޮނިޓަރކުރުމަށް، ރައްޔިތުންނަށާއި ރައްޔިތުން ތަމްސީލުކުރާ މަދަނީ ޖަމްއިއްޔާތަކަށް އުނދަގޫވުމެވެ.
ރަނގަޅަށް ރޭވިފައިވާ ނިޒާމެއްގެ ދަށުން، ރައްޔިތުންގެ ބައިވެރިވުން އެންމެ އެދެވޭ ގޮތަކަށް ހިމެނުމުގެ މަސައްކަތްނުކުރެވުމުގެ ސަބަބުން މަޝްރޫއުތަކުގެ އެކިހިސާބުތަކުން، ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތައް އެކިގޮތްގޮތުން ބޭރުކުރާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ.
މިފަދަ ގޮތަކަށް ރައްޔިތުންގެ ހިތްހަމަ ނުޖެހުން ފާޅުކުރި އެއް މަޝްރޫއަކީ 'މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް'ބްރިޖްގެ މަޝްރޫއުއެވެ. މިމަޝްރޫއާއި ގުޅިގެން، ސަރފިންގ އެންޑް ބޮޑީ ބޯރޑިންގ އެސޯސިއޭޝަންސް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ މައުލޫމާތު ހޯދުމުގައި ހުރި ދަތިކަން އެތަށް ފަހަރެއްގެ މަތިން ފާހަގަ ކޮށްފައެވެ. އަދި މިމަޝްރޫއު ކުރިއަށްގެންދިއުމުގައި ކަމާގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކޮށްފައިނުވުމުގެ ސަބަބުން، މަޝްހޫރު 'ވިކްޓަރީ ޑައިވްސައިޓަށް'ލިބިދާނެ ގެއްލުންތަކަށް އެންމެ ފުރިހަމަގޮތުގައި ބެލިފައިނެތްކަމުގެ ޝަކުވާއާއެކު ޑައިވަރުންގެ ފަރާތުން ވަނީ ސަރުކާރުގެ ފަރާތްތަކާއި ބައްދަލުކޮށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައެވެ.
އިޖުތިމާއީ އިގްތިސާދީ މަޝްރޫއުތަކާއި މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި އަޑު އެންމެ ފުރިހަމަގޮތުގައި ހިމެނިފައިނެތުމުން ދަތި އުނދަގޫތައް ދިމާވަނީ މަޝްރޫއުތައް މޮނިޓަރކުރުމަށް އެކަންޏެއް ނޫނެވެ. މަޝްރޫއުތައް ނިމި، މަސައްކަތްކުރި ފަރާތްތައް ރަށުން ދިއުމަށްފަހު، ދިމާވާ ކަންކަން ހައްލުކުރުމުގައި ރައްޔިތުންނާއި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރަން ތިބޭ ފަރާތްތަކުން އުފުލަންޖެހޭ ތަކުލީފުތައް ގިނަވެފައި ބޮޑުކަން ރަށު ކައުންސިލުތަކުން ފާހަގަކުރެއެވެ.
މިފަދަ ދަތިތަކެއް އުފުލަންޖެހުނު އެއްކައުންސިލަކީ ހދ.ނޮޅިވަރަންފަރު ކައުންސިލެވެ. 2011ވަނަ އަހަރު ނޮޅިވަރަންފަރުގައި އަލަށް އާބާދުވި ގެތަކަށް އަޅާފައިވާ ނަރުދަމާގެ ނިޒާމުގެ ޕަންޕެންގައި މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި މައްސަލަޖެހި ރަށުތެރެއަށް ނަޖިސް ބޭރުވަމުންދިއުމުން، ރަށުކައުންސިލުން ސަރުކާރުގެ ތަފާތު މިނިސްޓްރީތަކަށާއި ކުންފުނިތަކަށް އެކިގޮތްގޮތުން ގުޅާ، އެމައްސަލަ ހައްލެއް ހޯދައިދިނުމުގެ ޒިންމާ ނަގާނެފަރާތެއްނޭގި، މައްސަލައަށް ހައްލެއް ނުލިބި އެތަށް މަސްތަކެއް ހޭދަވިއެވެ. ނަތީޖާއެއްގެ ގޮތުން، ރަށު ބަޖެޓުން އެމަރޖެންސީ ކަންތައްތަކަށް ހަރަދުކުރުމަށް ލިބިފައިވާ ފައިސާއިންވެސް ބޮޑެތި ހޭދަތަކެއް ކުރަންޖެހުނެވެ. މިމައްސަލައާއި މެދު ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު ރިޔާޒު ދެކެވަޑައިގަންނަވާގޮތުގައި މިމައްސަލަ ހައްލެއްނުހޯދި ދިގުލައިގެން ދާންޖެހުނީ މަޝްރޫއުގެ އެއްވެސް ހިސާބެއްގައި ކައުންސިލާއި ރައްޔިތުންގެ ބައިވެރިވުން ހޯދަންވީ ވަރަށް ނުހޯދުމުގެ ސަބަބުން، މަޝްރޫއާއި ބެހޭ މައުލޫމާތުތައް ކައުންސިލާއި ރައްޔިތުންނަށްލިބިފައިނެތުމާއި މަޝްރޫއުގެ މަސައްކަތްނިމުމުން، ނަރުދަމާގެ ނިޒާމު ބަލަހައްޓާނެ ބެލެނިވެރިފަރާތެއް އައްޔަނު ނުކުރެވުމުންނެވެ. 'ޕަންޕު ހަލާކުވުމެއް ނޫން މައްސަލައަކީ. މައްސަލައަކީ ސާފު ސީދާ މައުލޫމާތު ލިބޭނެ ނިޒާމެއްނެތުން. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ނިޒާމުގެ ތެރެއިން މައުލޫމާތު ހޯދުމަކީ ވަރަށް ދަތިކަމެއް. މިނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން ބަލައިގަންނަ ނިޒާމެއް ނޫން.' ރިޔާޒް އިތުރަށް ފާހަގަ ކުރެއްވިއެވެ.
އެންމެންގެ ބައިވެރިވުން މުހިއްމުވަނީ ހަމައެކަނި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހިންގާ މަޝްރޫއުތައް އެންމެ ފުރިހަމައަށް ގެންގޮސް ނިންމާލުމަށް އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ބައިވެރިކޮށް ބައްސައިގެން މަޝްރޫއުތައް ހިންގުމަކީ، މަޝްރޫއުތަކުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ކުރާނެ ނުވަތަ ކޮށްފާނެ އަސަރުތައް އަންގައިދީ، އެއަސަރުތައް ކުޑަކުރުމަށް (މިޓިގޭޓްކުރުމަށް) ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ މަޝްރޫއުތައް ހިންގާފަރާތްތަކާއި ރައްޔިތުން ގުޅިގެން ހޯދުމަށްވެސް، އެހީތެރިވާނެކަމެކެވެ. މިގޮތަށް ރައްޔިތުންނާއި ނުބައްސާ ހިންގާފައިވާ މަޝްރޫއުތަކުން ހިތިނަތީޖާތައްވެސް ނިކުމެފައިވަނީ މަދެއްކޮށެއް ނޫނެވެ. މީގެ އެއް މިސާލަކީ، ދ.މީދޫގެ ބިން ހިއްކުމުގެ މަޝްރޫއެވެ. މީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އަސްލަމް ވިދާޅުވިގޮތުގައި، 'ރަށް ހިއްކުމުގެ ކުރިން، ރަށުކައުންސިލަކަށްވެސް އަދި އާއްމު ރައްޔިތުންނަކަށްވެސް މިމަޝްރޫއުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ. މަޝްރޫއު ހިންގިފަރާތުގެ ފަރުވާކުޑަ ކުރުމުންނާއި މަސައްކަތްކުރަންވީގޮތަށް ނުކުރުމުން، ރަށުގެ އެތައް ގެއެއްގެ ފުރާޅުތައް ހަލާކުވެ، ރަށުގެ ހޭޅިފަށުގެ ގަސްތައް މަރުވެ، ރަށުގެ އެކޯސިސްޓަމަށާއި މުދަލަށާއި އާމްދަނީ ހޯދުމަށްކުރާ މަސައްކަތްތަކަށް ގެއްލުންވިއެވެ.'
ރައްޔިތުންގެ ބައިވެރިވުމުގެ ފުރުސަތު ވަރަށް ހަނިކޮށް އޮތްނަމަވެސް، މަޝްރޫއުތަކުގެ އެކިއެކި މަރުހަލާގައި ރައްޔިތުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމަށް ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތްކުރެއެވެ. އެހެންނަމަވެސް، މުއައްސަސާތަކުގެ ޝަކުވާއަކަށް ވަނީ މިބައްދަލުވުންތަކަށް ރައްޔިތުން އަންނަލެއް މަދުވުމެވެ. މީގެ ރައްދުގައި ރައްޔިތުންގެ ފަރާތުން ލިބޭ ޖަވާބަކީ މަޝްރޫއުތަކާއި ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންނެތުމާއި، ރައްޔިތުން ބޭނުންވާ ގޮތްތައް ހާމަކޮށްފިނަމަ، ރަށަށް ބޭނުންތެރި، ނަރުދަމާއާއި ފެން ޕްލާންޓް އަދި ބަނދަރު ހެދުންފަދަ މަޝްރޫއުތައް ފެށުން ލަސްވެ ނޫނީ ހުއްޓިދާނެ ކަމުގެ ބިރު އޮންނާތީ، މިގޮތުން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޖެހިލުންވާ ކަމެށެވެ.
ދިވެހިރާއްޖޭގައި ރައްޔިތުންގެ ބައިވެރިވުން މާނަވީ ގޮތަކަށް ގެންދެވޭނެ ނިޒާމެއް ހޯދުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެއެވެ. 'މަބައްސާ'ކެމްޕޭނަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހިންގާ މަޝްރޫއުތަކުގައި އެމީހުންގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކަށް ގޮވާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭނުގެ ބޭނުމަކީ ތަފާތު ވަސީލަތްތަކުގެ ބޭނުން ކޮށްގެން، ރަށްރަށުގެ މުޖުތަމައުތަކާއި، މަޝްރޫއުތައް ހިންގާ ފަރާތްތައް އަދި ކަންކަމުގައި ނިންމުން ނިންމާ ފަރާތްތައް ގުޅުވާލުމެވެ. މިގޮތުން، ރައްޔިތުން ބެއްސުމަށް ގޮވާލާ، ސޯޝަލް މީޑިއާ މެސެޖުތަކާއި، ހޭލުންތެރިކުރުމުގެ މެސެޖުތައް އަދި އެކިކަހަލަ ކޭސްސްޓަޑީޒްތަކާއި، ވީޑިއޯތަކާއި ލީފްލެޓްތައް ތައްޔާރުކުރެވޭނެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން 2013އަދި 2015ގައި ކުރި 'ޑިމޮކްރަސީ ސާވޭ'އިން ދައްކާގޮތުގައި ދިވެހިންގެ ތެރޭގައި ސިޔާސީ ޝައްކާއި ވަހުމު ވަރަށް މަތީ ދަރަޖައަކަށް އެބައޮތެވެ. މިކަމުގެ އެއްސަބަބަކީ ރައްޔިތުންނާއި ކަންތައް ހިންގާ އަދި ނިންމާ ފަރާތްތަކައި ދެމެދު އޮންނަންޖެހޭ ގުޅުން ނެތުމެވެ. ރައްޔިތުންގެ އިތުބާރު އެފަރާތްތަކަށް އެންމެ ފުރިހަމައަށް ނުކުރުމުގެ ނަތީޖާއަކަށްވަނީ މިފަދަ ކޮންމެ ކެމްޕޭނަކާއި އެކުވެސް ރައްޔިތުން ތަފާތު ސުވާލުތައް އުފެއްދުމެވެ. މިގޮތުން އުފައްދާ އެންމެ ބޮޑު ސުވާލަކީ "ގިނަ ރައްޔިތުންނެއްގެ އަޑުކިތައްމެ ބާރަށް އިންވަން މަސައްކަތްކުރިއަސް، ކަންކަން ހިންގާ އަދި ނިންމާ ފަރާތްތަކުން އެއަޑު އަހާނެ ހެއްޔެވެ؟"ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ މަގުސަދަކީ، 'މަބައްސާ'ކެމްޕޭނުގެ ޒަރީއާއިން ގިނަ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކާއި ނުތަނަވަސްކަން ދުރުކޮށް ރައްޔިތުންނާއި ސަރުކާރު އެކުގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި ރައްޔިތުންގެ ކަންކަން ނިންމުމުގައި އަދި ރައްޔިތުންނާ ގުޅުންހުރި މަޝްރޫޢުތަކުގެ ހުރިހާ މަރުޙަލާއެއްގައިވެސް ރައްޔިތުން ބައްސައިގެން ކުރިއަށްގެންދިއުމަށް ބާރުއެޅުމެވެ.
‍ޓްރާންސްޕެރެންސީ މޯލްޑިވްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ