ޕީޕީއެމްގެ ތެރޭގައި ބައިބައިވުންތަކެއް އުފެދި ހިޔާލުތަފާތުވުން ބޮޑުވުމާއި ގުޅިގެން ތިން ދުވަސްތެރޭ ކައުންސިލް ބައްދަލްވުމެއް ބާއްވައިދިނުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުން އެދިފައިވީނަަމަވެސް އެ މުއްދަތުގައި ކައުންސިލް ބައްދަލްވުމެއް ބާއްވަން ރައީސް މައުމޫން ދެކޮޅު ހައްދަވައިފިއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވީނިއުސްއަށް ވިދާޅުވީ ޕީޖީ ގުރޫޕުން ކައުންސިލް ބައްދަލްވުމެއް ބޭއްވުމަށް އެދުނު ނަމަވެސް ރައީސް މައުމޫން މިވަގުތު އިސްކަން ދެއްވަނީ އެމަނިކްފާނު އެކުލަވާލައްވާފައިވާ އިސްލާހީ އެޖެންޑާއާއިގެން ކުރިއަށް ވަޑައިގަތުމަށްކަމަށެވެ.
އަދި ޕީޖީ ގުރޫޕުން ކައުންސިލް ބައްދަލްވުމެއް ބާއްވަައިދިނުމަށް އެދުނު މުއްދަތު މިހާރު ހަމަވެފައިވާއިރު، މިވަގުތު ކައުންސިލް ބައްދަލްވުމެއް ބޭއްވުމުގެ ވިސްނުންފުޅެއް ރައީސް މައުމޫން ނުގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.
ޕީޖީ ގުރޫޕުން އެދިފައިވާގޮތަށް ކައުންސިލް ބައްދަލްވުމެއް ބާއްވާފައިވާއިރު، ދިހަ ދުވަސްތެރޭ ޕީޖީ ގުރޫޕްގެ ބައްދަލްވުންތަކުގެ ޔައުމިއްޔާތައް ފޮނުވައިދިނުމަށް ރައީސް މައުމޫން ވަނީ ޕީޖީ ގުރޫޕަށް އަންގާފައެވެ.
އެގޮތުން ބައްދަލްވުންތަކުގެ ތަފްސީލާއި، މަޖިލީހުގައި މެންބަރުން ވޯޓްދީފައިވާގޮތުގެ ތަފްސީލްތަކުގެ އިތުރަށް ޕީޖީ ގުރޫޕަށް ހުށައެޅި އަދި ޕީޖީ ގުރޫޕުން ނިންމާފައިވާ ކަންކަމުގެ ތަފްސީލްވެސް ހިއްސާކުރުމަށް ރައީސް މައުމޫން ވަނީ ދިހަ ދުވަހުގެ މުއްދަތެއް ޕީޖީ ގުރޫޕަށް ދެއްވާފައެވެ.
މިދިޔަ ހަފްތާގައި ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން އަސާސީ ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާކަމަށް ވިދާޅުވެ ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކްފާނުގެ އަތްޕުޅަށް ނަންގަވާފައެވެ.
މީގެ އިތުރަށް އެމަނިކްފާނު ވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެން އިސްލާހީ އެޖެންޑާއެއްވެސް އިއުލާންކުރައްވާފައެވެ.
އިސްލާހީ އެޖެންޑާގައިވާ ގޮތުން މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ އެތެރޭގެ ނިޒާމުތައް އިސްލާހުކުރުމެވެ. ދެވަނަ ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ މައިގަނޑު އުސޫލުތަކަށް ރުޖޫއުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އެގޮތުން މިފިޔަވަހީގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ތައްޔާރުކުރި މެނިފެސްޓޯ ތަންފީޒު ކޮށްފައިވާ މިންވަރު މުރާޖައާ ކުރުމާއި، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކޮށްފައިވާ ގޮތް މުރާޖައާ ކުރުން ހިމެނެއެވެ.
ތިންވަނަ ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް އާންމު މެންބަރުންނަށް ޖަވާބުދާރީ ކުރުވުމެވެ. ހަތަރުވަނަ ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕީޕީއެމްގެ ޓިކެޓް އިންތިހާބުވެފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރުކުރުމެވެ.
ފަސްވަނަ ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި ދެފުށް ފެންނަ ގޮތަށް ޕާޓީގެ ސައްހަ ގޮފިތައް ތަމްސީލް ކުރާ އާންމު މެންބަރުންގެ އަޑުއުފުލޭ ޖަލްސާއަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.
ކައުންސިލް ބޭއްވުމަށް ރައީސް މައުމޫން ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ