ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި މެމްބަރު އަދި ކުރީގެ މަޝްހޫރު ފިލްމީތަރި މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ޕީޕީއެމްއަށް ސޮއި ކުރައްވައި، ޕީޕީއެމްއަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބިއްޖެ އެވެ.
މުހައްމާ ޕީޕީއެމްއަށް ސޮއި ކުރެއްވީ، އެކަމަށްޓަކައި މުލީއާގޭގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤާއްޔޫމާ އެވެ.
މުހައްމާ ޕީޕީއެމްއަށް ސޮއި ކުރެއްވުމާ އެކު، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން 43 ގޮނޑި ލިބި އަޣުލަބިއްޔަތު ވަނީ ލިބިފަ އެވެ. އަދި، ޕީޕީއެމްއާ އެކު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ 5 މެމްބަރުންނާ އެކު ސަރުކާރު ކޯލިޝަނަށް މިހާރު 48 ގޮނޑި މަޖިލީހުން ލިބެ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މިއީ ޕީޕީއެމްއަށާއި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ރައްޔިތުން މަޖިލިސް މެންބަރުން އަޅުގަނޑުމެންނާއި މިގުޅިވަޑައިގަންނަވަނީ އަޅުގަނޑުމެންނަށް ފުރުސަތު ދޭން. އިގުތިޞާދީ ގޮތުން ރައްޔިތުން ދެކެން ބޭނުންވާ މަންޒިލާ ހިސާބަށް ރާއްޖެ ގެންދެވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީޕީއެމްއަށް މިހާރު ލިބި މިއީ މުހިންމު ކުރިއެރުމެއް ކަމުގައި ވިޔަސް، މަޖިލީހުގެ އެންމެ މުހިންމު ކަންތައް ހިނގަނީ ކޮމިޓީތަކުގައި ކަމަށާއި، ކޮމިޓީތަކުގެ އަޣުލަބިއްޔަތު ވެސް އޮތީ ޕީޕީއެމް އަށް ކަމަށެވެ.
މިހާރު، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ އިޤްތިސާދީ މެނިފެސްޓޯ ރަނގަޅަށް ތަންފީޒު ކުރެވޭނެ ކަމަށާއި، އަދި މިއީ އެއްވެސް ފަރާތަކުން ކަންބޮޑުވެގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މީގެ އިތުރުން ވަނީ، ސަރުކާރުގެ މަސްވެރިކަމުގެސިޔާސަތުތައް ރަނގަޅަށް ތަންފީޒު ކުރެވެން ފެށުމުން ކަންކަން ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މީގެ ކުރިން ފާޅުކުރެއްވި ކަންބޮޑުވުމަށް ޖަވާބު އަރުވާފަ އެވެ.
"އިޤްތިސާދީ ގޮތުން ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތް ހަދައިދެވޭނެ. އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުވާން ފެށީމާ ކަންތައްތައް ރަނގަޅުވެގެން ދާނެއޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ އަމިއްލ ނިންމެވުމެއްގެ މަތިން ކަމަށާއި، މި ނިންމެވުން އިހަވަންދޫ ދާއިރާގެ ރައްޔިތުން ޤަބޫލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މުހައްމާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގައި އޭނާ ޚިދުމަތް ކޮށްދެއްވި 8 ވަރަކަށް އަހަރު ތެރޭގައި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ފަރާސަރުކާރަށް ތުން އެކި ކަހަލަ އެހީތައް ލިބިގެން ދިޔަ ކަމަށާއި، އެކަމަށް ޤާސިމްއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މިއަދު ކަންތައްތައް ދާ ގޮތަށް ބަލާ ިއިރު، ޖުމްހޫރީ ޕާޓީ މިހާރު އޮތީ ސަރުކާރާ "އެންމެ އެކުގައި" ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މުހައްމާ ވިދާޅުވި އެވެ.
މުހައްމާ އިތުރަށް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އިހަވަންދޫ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް، އެއްބާރުލުން ދީގެން ހައްލު ކުުރުމަށް ކަމަށެވެ. އަދި އޭނާ ޕީޕީއެމްއާ ގުޅުނީ، އިޤްތިސަދީ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާ އާއި މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުން ބޭނުންވަނީ އޭރެއްގައި އޮންނަ ސަރުކާރަކާއި ގުޅެން. އަޅުގަނޑު ޔަގީން ކުރަނީ މި 5 އަހަރު ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރާނެ ކަމަށް. އިހަވަންދޫ ދާއިރާއަށް އެންމެ ބޭނުންވަނީ ފެނާއި ނަރުދަމާއާއި ފެނާއި އަދި ލަފާ ފުރުމުގެ ޚިދުމަތް. މިކަންތައް ފުރިހަމަ ވާނީ އޭރެއްގައި އޮންނަ ސަރުކާރަކާއި ގުޅިގެން." މުހައްމާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލާ އިރު، ވެރިކަން ކުރަ ޕީޕީއެމްގެ 43 މެމްބަރުން މަޖިލީގައި ތިބެ އެވެ. އިދިކޮޅު އެމްޑީޕީގެ 25 މެމްބަރުން މަޖިލިހުގައި ތިބޭ އިރު، ޖުމްހޫރީ ޕާޓީގެ 10 މެމްބަރުންނާއި، އެމްޑީއޭގެ 5 މެމްބަރުން ވެސް މަޖިލީހުގައި ހިމެނެ އެވެ. އަދި އަދާލަތު ޕާޓީގެ 1 މެމްބަރަކާއި މިނިވަން 1 މެމްބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމާ ޕީޕީއެމްއަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ