މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އިމްރާން އެދިވަޑައިގެންފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އިމްރާން އެދިވަޑައިގެންފި އެވެ.
މިކަމަށް އެދިވަޑައިގެން އިމްރާން މިއަދު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އިމްރާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް އެންމެ ފުރަތަމަ ފެށިއިރު މައްސަލަ ބައްލަވަމުން ގެންދެވީ ތިން ގާޒީންގެ ބެންޗަކުންނެވެ. ނަމަވެސް މި ހަފްތާ އިމްރާންގެ ޝަރީއަތްތައް ފެށުނުއިރު ބެންޗް އުވާލުމަށްފަހު އެ މައްސަލަ ބެެއްލެވުމަށް ގާޒީ އަބްދުލް ބާރީ ޔޫސުފާ ވަނީ ހަވާލުކުރައްވާފަ އެވެ.
އިމްރާންގެ ސިޓީގައި ވިދާޅުވެފައިވަނީ ގާޒީ ބާރީ ޝަރީއަތް ކުރުމުގެ އާންމު އުސޫލުތަކާއި ހިލާފަށް ބައެއް ކަންކަން ކުރައްވާ ކަމަށް ގަބޫލުކުރެއްވެތީ އެހެން ގާޒީ އަކު ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާޒީ ބަދަލުކުރުމާ ގުޅޭގޮތުން ކޯޓުން ވަކި ގޮތެއް ކޯޓުން ނިންމަންދެން އިމްރާންގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް އިމްރާން މިއަދު ވަނީ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ.
ގާޒީ ބާރީ ބަދަލުކޮށްދިނުމަށް އިމްރާން އެދިވަޑައިގެންފައިވާއިރު މި ހަފްތާ ކުރިއަށް ދިޔަ އަޑުއެހުމެއްގައި އިމްރާންގެ ދިފާއީ ވަކީލުންގެ ޓީމާ ގާޒީ ބާރީއާ ދެމެދު ހޫނު ބަހުސްތަކެއް ހިނގާފައިވެ އެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި އިމްރާންގެ ދިފާއީ ވަކީލު ހުސްނުއްސުއޫދު މައާފަށް އެދިވަޑައިގަތުމަށްވެސް ގާޒީ އަމުރުކުރެއްވި އެވެ.
ގާޒީ ބާރީ ބަދަލުކޮށްދިނުމަށް އިމްރާން އެދިވަޑައިގެންފައިވާއިރު ގާޒީ ބާރީ ވަނީ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށްވެސް ކުރިމަތިލައްވާފަ އެވެ. އަދި ކުރިން ހޯމަ ދުވަހު ބާއްވަން އޮތް އިމްރާންގެ ޝަރީއަތުގެ އަޑުއެހުން މިހާރު ވަނީ އާދިއްތަ ދުވަހަށް އަވަސްވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ