މާލޭގެ ޝަހީދު އަލީ ގޯޅި އަށް ވެހިކަލަށް ނުވަދެވޭ ގޮތަށް ހަމަޖައްސާ އެއީ ފައިމަގުގައި އުޅޭ ސަރަހައްދަކަށް ހަދައިފި އެވެ.
އައިޖީއެމްއެޗް ކުރިމައްޗަށްވާ ގޮތަށް އޮންނަ މި ގޯޅި ފައިމަގުގައި އުޅޭ ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާ އެކަން އާންމުކޮށް އިއުލާން ކުރީ މިރޭ އެސަރަަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ހައުސިން މިނިސްޓަރާއި ޔޫތް މިނިސްޓަރާއި ޝަހީދު އަލީ ގޯޅިއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި ބައެއް މަޖިލިސް މެންބަރުންނާއި ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެ ސަރަހައްދުގެ ބައެއް އާންމުންވެސް ބައިވެރިވި އެވެ.
ޝަހީދު އަލީ ގޯޅި ހިނގާފައިވާ އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސީ ކުރިން ދުރާލައި އެ ގޯޅީގައި ދިރިއުޅޭ މީހުންގެ ހިޔާލު ހުރި ގޮތް ހޯދުމަށްފަހު އެެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ހިނގާފައި އުޅޭ ގޮތަށް ބައެއް މަގުތައް ހަމަޖައްސަނީ މާލޭގެ ބައެއް ސަރަހައްދު ތަކަކީ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދިވެސް އިތުރު މަގުތަކެއް ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މާލޭގައި ހިނގާފައި އުޅޭ ސަރަަހައްދުތަކެއް ހަމަޖެއްސުމުން އިޖުތިމާއީ ގުޅުން ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ހިނގާފައި އުޅުން އާދަކުރުމަށާއި ވެހިކަލް ދުއްވުން ވީހާވެސް މަދުކުރުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މީގެ ކުރިންވެސް މާލޭގައި ވަނީ ބައެއް މަގުތަކަކީ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އެގޮތުން މައްޗަންގޮޅީ ސަހަރާ ކައިރީގައި އޮންނަ ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅި އަށް ވެހިކަލް ވަނުން މަނާކޮށް އެ ސަރަޙައްދަކީ ފައިމަގުގައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ޝަހީދު އަލީ ގޯޅިއަށް ވެހިކަލް ވަނުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ