އުމުރު ބަދަލު ކުރުމުގެ އިސްލާހަށް ވޯޓު ދެއްވި މެމްބަރުންނަށް މެމްބަރު އިސްމާއިލްގެ ތައުރީފު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވޯޓު ދެއްވި މެމްބަރުންނަށް އެ އިސްލާހު ހުށަހެޅުއްވި، ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އިސްމާއީލް ޝުކުރު ދަންނަވައިފިއެވެ.
މެމްބަރު އިސްމާއިލް، އެ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން އޭނާގެ ފޭސްބުކަށް ޕޯސްޓް ކޮށްފައިވާ ސްޓެޓަސްއެއްގައި ވިދާޅުވެފައިވަނީ އޭނާ ހުށަހެޅުއްވި އިސްލާހަށް ތާއީދުކޮށްދެއްވި ހުރިހާ މަޖިލިސް މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއިި އެބޭފުޅުން ހާމަކޮށްދެއްވީ ވަކި ފިކުރަކަށްވުރެ ބޮޑަށް ގައުމީ ވަންތަކަން އެބޭފުޅުންނަށް މުހިއްމު ކަން ކަމަށެވެ.
"އަޅުގަނޑުގެ އިސްލާހަށް ތާއީދު ކޮށްދެއްވި އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ އެކުވެރި މެމްބަރުން ތިޔަ ހާމަ ކޮށްދިނީ ވަކި ފަރާތަކަށް ވުރެ، ވަކި މީހަކަށް/ޖަމާއަތަކަށްވުރެ، ވަކި ފިކުރަކަށް/ޕާޓީއަކަށްވުރެ މި ގައުމާއި ގައުމުގެ އެކި ކަން ކޮޅުތަކުގައި ދިރިއުޅެމުން ދާ ތުއްތު ކުދިންނާއި ބޮޑެތި ކުދިންނާއި ޒުވާނުންނާއި ހަރު ބޭފުޅުންނާއި ދޮށީ ރަށްވެހިން މާ މުހިއްމުކަން،" ފޭސްބުކް ޕޯސްޓްގައި މެމްބަރު އިސްމާއިލް ވިދާޅުވެފައިވެއެވެ.
މިއިސްލާހު މިއަދު މަޖިލީހުން ފާސްވެގެން ދިޔައީ މަޖިލީހުގެ 77 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިއިސްލާހް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ  2 މެންބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ކުރިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި އޭރު ބަޔާންކޮށްފައެއް ނުވެއެވެ.
އެއިސްލާހު ފާސް ވުމާ އެކު އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މިދެ މަގާމަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް އުމުރުން 65 އަހަރުވެފައިވާނަމަ އެދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ