އަބްދުﷲ ގާޒީ ސަސްޕެންޑް ކުރުމަށް ނާއިބު ރައީސް ގޮވާލައްވައިފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ސިފައިންގެ ހައްޔަރުން ދޫކޮށްލައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ މައްސަލަ ބަލައި ނިމެން ދެން ކޯޓަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑް ކުރުމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހާކަފުޅު ދައްކަވަމުން ޑރ. ވަހީދު ވަނީ މާލެތެރޭގައި މިހާރު ހިނގާ ހަމަނުޖެހުންތައް ފިނިކޮށް ސުލަހަވެރިކަން ގެނައުމަށް ތިން ކަމެއް ހުށައަޅުއްވައިފަ އެވެ.
އޭނާ ހުށައެޅުއްވީ މަދަނީ އިއްތިހާދުން އިސްނަގައިގެން މިހާރު މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ މުޒަހަރާތައް ވަގުތުން ހުއްޓާލައި، ގައުމީ ދިފާއީބާރުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުންނެވި "ރައްޔިތު މީހާ" އަބުދުﷲ މުހައްމަދު ދޫކޮށްލުމާއި ޖޫޑީޝަލް ސާވިސް ކޮމިޝަނުން އަބުދުﷲ ގާޒީ އާ މެދު ތުހުމަތުކުރާ ހުރިހާ މައްސަލަތައް ބަލައި ނިމެންދެން ކޯޓުގެ ބެންޗުގައި ނުއިދެވޭ ގޮތަށް ހެދުމާއި އޭނާގެ މައްސަލަ އަވަހަށް ނިނަމްވައި ދެއްވުމަށެވެ.
ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނު ހުށައެޅުއްވި ކަންތައްތައް އެ ފަރާތްތަކުން ވިހާ ވެސް އަވަހަކަށް ތަންފީޒު ކޮށްދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަންކަން ކަމަށެވެ.
އަބްދުﷲ ގާޒީ ސަސްޕެންޑް ކުރުމަށް ނާއިބު ރައީސް މިއަދު ކުއްލި ޕްރެސްކޮންފަރެއްސެއް ބާއްވައި ގޮވާލެއްވި އިރު، ނާއިބު ރައީސް ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަބަން ޖެހޭ ކަމަށާއި އިސް ގާޒީ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ނާއިބު ރައީސްގެ އަމިއްލަފުޅު ބުލޮގުގައި އިއްޔެ ވިދާޅުވެފައި ވަނީ 30 އަހަރު ވަންދެން މިގައުމުގެ މިނިވަންކަމަށް ޓަކައި ބުރަ މަސައްކަތްތައް ކުރި މީހުންގެ މަސައްކަތް ބޭކާރުވެފައިވާ ކަމަށާއި އަދި މި ހުރިހާ ކަމެއް ހިނގަމުން މިދަނީ "އެ ސަރުކާރެއްގެ ނައިބު ރައީސް ކަމަށް އަޅުގަނޑު އިންތިހާބުވެފައިވާ ސަރުކާރެއްގައި ކަމަށް ވާތީ އެކަމާ މުޅިން މާޔޫސްވެ، ލަދުގެންފި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ