ކުރީގެ ރައީސް އަދި އިދިކޮޅު ޑީއާރުޕީގެ ޒައީމް ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ޕާޓީގެ ނިޒާމު ގަޑުބަޑު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ ސިޔާސީ ޕާޓީގެ ނިޒާމު ގަޑުބަޑު ކުރެއްވުމަށް މައުމޫން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި އެކަންކަން ހުއްޓާލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ޒައީމްގެ މަގާމަކީ ޑީއާރުޕީގެ އެންމެ ޝަރަފުވެރި މަގާމު ކަމުގައި ވިޔަސް އެއީ ޕާޓީ ހިންގުމުގެ އޮނިގަނޑާއި ލީޑަޝިޕާއި ހިންގުމުގެ އިންތިޒާމުތަކާއި އަމުރު ހިންގުމުގެ ވިއުގާއިން ބޭރުގައިވާ މަގާމެއް ކަމަށެވެ. އެހެންވެ އެ މަގާމުގެ ނަން ބޭނުން ކުރައްވައިގެން މައުމޫން ކުރައްވަމުން ގެންދަވާ ކަންކަމާއި ހަރަކާތްތަކަކީ ސިޔާސީ ޕާޓީގެ ނިޒާމު ގަޑުބަޑު ކުރެއްވުން ނޫން ކަމެއް ކަމަށް ނުވާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައި ނުވާ ބަޔަކު ސިޔާސީ ހަރަކާތްތަކެއް، ޕާޓީއެއްގެ ނަމުގައި ހިންގަމުން ދާއިރު، އެ ބަޔަކީ ހަގީގީ ޑީއާރުޕީ ކަމަށް ރައީސް މައުމޫން ވިދާޅުވުމުން، އެކަން ވެގެންދަނީ ޑިމޮކްރެސީ އަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް. އަދި މި ގައުމުގައި އިސްލާހީ މަސައްކަތްކުރި ފަރާތްތަކުން ގާއިމްކުރި ސިޔާސީ ޕާޓީގެ ނިޒާމަށް ކުރެވޭ މަލާމާތެއް،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްއޫލިއްޔަތުތަކާއި ވާޖިބަށް އަދި ސިޔާސީ ގޮތުން ތަސްމީން ނިންމަވާ ނިންމެވުންތައް މައުމޫން ނަފީ ކުރައްވަމުން ގެންދެވުމަކީ "ދަށުދަރަޖައިގެ" އަމަލުތަކެއް ކަމަށާއި ޑިމޮކްރެސީގެ އުސޫލުން އެކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
މައުމޫން ސިޔާސީ ޕާޓީގެ ނިޒާމު ގަޑުބަޑު ކުރައްވާ ކަމަށް ވިދާޅުވެ ޕްރެސް ސެކްރެޓަރީ ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ