ޕާޓީގެ ނަމުގައި ބޭއްވި ޕްރައިމަރީގެ އެއްވެސް މަޢުލޫމާތެއް ޕާޓީ ހިންގުމުގެ އެންމެ އިސްވެރިޔާ، ޕީޕީއެމް ގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އަށް ވެސް އެނގިވަޑައިގެންފައި ނުވާކަމަށް ޕީޕީއެމް ގެ މައުމޫން ފެކްޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ދެފަޅިއަކަށް ބެހިފައިވުމާއެކު, ޕީޕީއެމްގެ މައުމޫން ފަޅިން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވާގޮތުން ޕީޕީއެމްގެ ނަމުގައި ބޭއްވިކަމަށް ބުނާ ޕްރައިމަރީ އަކީ, ޕީޕީއެމް ގެ އަސާސީ ޤަވާއިދާއި އަދި ހިންގާ ޤަވާއިދާއ ޚިލާފަށް ބާއްވާފައިވާ ޕްރައިމަރީއެކެވެ.
ޕާޓީގެ ޤައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޤަވާއިދުތަކާއި ޚިލާފަށް ޕާޓީގެ ނަމުގައި ޕްރައިމަރީއެއް ބާއްވާފައި ވާތީ މިކަން ހިނގާފައިވަނީ ކިހިނެއްތޯ ބައްލަވައިދެއްވުމަށް އެދި އިލެކްޝަނަށް ފޮނުވި, މި ސިޓީގައި ވަނީ ޕީޕީއެމް ގެ އަސާސީ ޤަވައިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން, ޕާޓީގެ އެތެރޭގައި ބާއްވާ އެންމެހާ އިންތިޚާބުތަށް ހިންގައި ބަލަހައްޓާނީ ޕާޓިގެ އިންތިޚާބު ކޮމިޓީ އިން ކަމުގައިވެފައި, ޕާޓީ ގެ ޤައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްޞީލުކުރުމާބެހޭ ޤަވާއިދު ގެ 3 ވަނަ މާއްދާ ގެ (ހ) ގައި ވާގޮތަށް ޤައުމީ އިންތިޚާބުތަކުގައި ވާދަކުރާނެ ޕީޕީއެމް ގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިޚާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމް ގެ އިންތިޚާބު ކޮމިޓީގެ ރައީސް ކަމަށެވެ. އަދި، އިންތިޚާބީ އެންމެހާ ކަންކަން ވިލަރެސްކުރަންޖެހޭ ފަރާތަކީ ޕާޓީގެ އިންތިޚާބު ކޮމިޓީ ކަމުގައެވެ.
ޕާޓީގެ އިންތިޚާބު ކޮމިޓީ އަކީ ޕާޓިގެ އެންމެ ފަހުން ބޭއްވި ޤައުމީ ޖަލްސާއިން އިންތިޚާބު ކޮށްފައިވާ ކޮމިޓީއަކަށް ވާއިރު, ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އަސާސީ ޤަވާއިދާއި އެއްގޮތަށް ކުރިޔަށް ގެންދަން ޖެހޭނީ އެ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް މައުމޫން ފެކްޝަނުން ފޮނުވި ސިޓީގައި ވެއެވެ.
ޕީޕއެމްގެ ޕްރައިމެރީއެއް ކުރިއަށް ގެންދެވޭނީ ހަމައެކަނި އިލެކްޝަން ކޮމިޝަންގެ ބެލުމުގެ ދަށުން ޕީޕީއެމް ގެ ޤައުމީ ޖަލްސާއިން އިންތިޚާބު ކޮށްފައިވާ ޕީޕީއެމްގެ އިންތިޚާބު ކޮމިޓީއިންކަން ފާހަގަކޮށް, ޕީޕީއެމް ގެ ނަމުގައި އެހެން ބަޔަކު ޕްރައިމެރީއެއް ބާއްވައިފިނަމަ އެކަން ވާނީ ޕާޓީގެ އިންތިޚާބު ތަކާބެހޭ ޤަވާއިދާ ޚިލާފު ކަމެއްކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ.
ޕީ.ޕީ.އެމް ގެ ޕްރައިމެރީގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު ގެ ދަށުން ހެދިފައިވާ ޕާޓީ ހިންގުމުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމުގައި ދެކޭކަމަށާއި, ޕީޕީއެމްގެ ނަމުގައި ޕްރައިމަރީ ބޭއްވި އިރު، ޕްރައިމަރީގެ އެއްވެސް މަޢުލޫމާތެއް ޕާޓީ ހިންގުމުގެ އެންމެ އިސްވެރިޔާ، ޕީ.ޕީ.އެމް ގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އަށް ވެސް އެނގިވަޑައިގެންފައި ނުވާކަމަށް ވެސް މި ސިޓީގައި ވަނީ ބުނެފައެވެ.
ކުރިން އިޢުލާން ކުރުމަކާނުލާ, ޕޮއިންޓު ދީފައިވާ އުސޫލު ހާމަކޮށްފައި ނުވާއިރު, ޕްރައިމެރީގައި ބައިވެރި ނުވެވުނީ ކޮން ޝަރުތުތަކެއް އުނިވެ %75 ނުލިބިގެންކަން އެފަރާތްތަކަށް މިހާތަނަށް އަންގާފައި ނުވާކަމަށް މައުމޫނު ފެކްޝަނުން ބުނެއެވެ. މިކަމުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ މެންބަރުންނަށް ޕްރައިމަރީގައި ބައިވެރި ނުވެވުމުގެ ޝަކުވާ ވަނީ ލިބިފައިކަމަށާއި, ޕާޓީގެ މެންބަރުންނަށް ޕާޓީގެ ޕްރައިމަރީ އެއްގައި ވާދަނުކުރެވެންވީ ސަބަބެއް މިހާތަނަށް އެނގިފައި ނުވާކަމަށް ވެސް އިލެކްޝަނަށް ފޮނުވި ސިޓީގައި ފާހަގަކުރެއެވެ.
ސަރުކާރާއި ރައީސް މައުމޫނާއި ހިޔާލް ތަފާތުވެ, ރައީސް މައުމޫން ވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާ, ޕީޕީއެމް ދެބައި ވުމަށްފަހު ރައީސް އަބުދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ.
ޕީޕީއެމްއިން ބޭއްވި ޕްރައިމަރީގެ އެއްވެސް މައުލޫމާތެއް ޕާޓީގެ ރައީސަށް ލިބިފައެއްނުވޭ - މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ