ނާޒިމް ދޫކޮށްލަން މައުމޫން އާއި ނަޝީދު ވެސް ގޮވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލި މައްސަލަ، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބެލުމަށް ފަހު ނިންމި ނިންމުން ތަންފީޒުކޮށް ނާޒިމް ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ނާޒިމް ހައްޔަރު ކުރި މައްސަލައާ ގުޅިގެން އދ. އިން ރޭ ނެރުން ރިޕޯޓުގައި ބުނެފައި ވަނީ ނާޒިމް ޖަލަށްލާފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައެއް މުއާހަދާތަކާ ހިލާފަށް ކަމަށާއި އެހެންކަމުން ނާޒިމް ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އެކަމާ ގުޅިގެން މައުމޫން މިއަދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ އެއްގޮތަށް ނާޒިމް ދޫކޮށްލަން ގޮވާލާ ކަމަށެވެ.
އެ މައްސަލާގައި ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރި ދުވަހުވެސް އެނާ ވަނީ ފްރޭމްކޮށްފައި ކަމަށް ވިދާޅުވި ކަމަށާއި އަދި މިއަދު އެކަމަށް އދ އިންވެސް އެއްބަސްވާ ކަމަށެވެ. އެހެންކަމުން ވަގުތުން ވަގުތަށް ނާޒިމް ދޫކޮށްލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީ އިން ވެސް މިއަދު ވަނީ ނާޒިމް ދޫކޮށްލަން ގޮވާލައިފަ އެވެ.
ނާޒިމްގެ މައްސަލަ އދ. ގެ ވޯކިން ގުރޫޕަށް ހުށަހަޅާފައިވަނީ، އެމްނެސްޓީ އިންޓަނޭޝަނަލްއިންނެވެ. އަދި އެ މައްސަލަ އެމްނެސްޓީ އަށް ހުށަހެޅީ ނާޒިމްގެ އާއިލާއިންނެވެ.
މީގެ ކުރިން ރައީސް ނަޝީދު ދޫކޮށްލުމަށް ވެސް، އދ ގެ ވޯކިން ގްރޫޕުން ރާއްޖެއަށް ގޮވާލި އެވެ. އެހެން ނަމަވެސް ވޯކިން ގްރޫޕްގެ ނިންމުންތަކަކީ އަމަލުކުރުން ލާޒިމް ނިންމުންތަކެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ