މައުމޫން އުޅުއްވަނީ ޕާޓީ ނިޒާމް ރޫޅާލަން: ރައީސް

އއ. ތޮއްޑޫން، އަލީ ހާރިސް
ޕާޓީ ނިޒާމަކީ ރާއްޖޭގެ ވެރިކަން ހިންގަން ކަމުދާ ނިޒާމެއް ނޫން ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެ ނިޒާމް ތައާރަފްވުމުން މައުމޫނު މިހާރު ވަނީ ވާދަވެރި ސިޔާސީ ޕާޓީ ނިޒާމް ނައްތާލަން މަސައްކަތް ފައްޓަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް އޭނާގެ އަމިއްލަ ރަށް ތޮއްޑޫގައި ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ އެއީ ވެރިކަން ގެއްލުމުން މައުމޫން ކުރައްވާ ކަމެއް ކަމަށެވެ.
"ސިޔާސީ ނިޒާމެއްގެ ތެރޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އެއީ ރާއްޖޭގެ ވެރިކަން ހިންގުމަށް އެއްގޮތަކަށް ވެސް ކަމުދާ ނިޒާމެއް ނޫން ކަމަށް ރައީސް މައުމޫނަށް ވުރެ ވަކި ބޮޑަށް ވަކާލާތުކޮށްފައި ހުރި ދިވެއްސެއް އަޅުގަނޑު ނުދެކެން،" ރައީސް މައުމޫން މިއަދު ކުރަންވަން އެ އުޅޭ ކަމެއް ބުނެދިނުމަކީ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފޮތްފޮތާއި މަޒުމޫންތަކާއި ޖަލްސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ދޭދޭ މީހުންނާއި ރަހްމަތްތެރިންނާ އަދި މަދަރުސާ ކުދިންނާ ވާހަކަ ދައްކާއިރު ވެސް މައުމޫން އެގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި 1989 ވަނަ އަހަރު ގާނޫނުއަސާސީ އެކުލަވައިލަމުން ދިޔައިރު އޭރުގެ މަޖިލީހުގައި ފަހަރަކު މެންބަރަކު، ސިޔާސީ ޕާޓީ އަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށާއި އެއީ އެއްގޮތަކަށް ވެސް އުފައްދައިގެން ވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަން ވެއްޓުނީ ޕާޓީ ނިޒާމުގެ ސަބަބުން ކަމަށާއި އެހެންވެ މައުމޫން އެ ކުރައްވަނީ އެ ނިޒާމު ރޫޅާލުމުގެ މަސައްކަތް ކަމަށެވެ.
"ތިމަންނާ އަތުން ވެރިކަން ގެއްލުނީ މި ނިޒާމު އައިސްގެނޭ. ތިމަންނާ އަށް އަލުން އަނބުރާ ނިކުމެވެން އޮތީ ތިމަންނާ މިއީ ހަމައެކަނި މީހާ އަށް ވީމައޭ."
މައުމޫނަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ އެގޮތަށް މަސައްކަތްކުރައްވާހާ ހިނދަކު ސިޔާސީ މަސްރަހު އޮންނާނީ ކިލަނބުކޮށް ކަމަށެވެ. .
އަލީ ވަހީދު ރޭ ވިދާޅުވީ ޑީއާރުޕީ 2013 ވަނަ އަހަރުގެ ރީޔާސީ އިންތިހާބުގައި ވާނީ "ފަރުމަތި" ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަޖުރިބާ ދެ ވަނަ ފަހަރަށް ކުރަން ބޭނުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަޖުރިބާ ދެ ވަނަ ފަހަރަށް ކުރަން ބޭނުން ނުވާ ކަމަށާއި ބޮޑެތި އުންމީދުތަކެއް ކޮށްގެން ތިބި އޭނާއަށް ތާއީދު ކުރާ އާންމު ރައްޔިތުންނަށް އެ މަންޒަރު ދައްކަން ބޭނުންނުވާ ކަމަށެވެ.
އަދި އަލީ ވަހީދު ވިދާޅުވީ މިސްރާބެއް ނެތި ދަތުރުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެކުރާ ކަމަކުން ނަތީޖާއެއް ނުނިކުންނަ ނަމަ ނުވަތަ ތިމާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ފާއިދާއެއް ނުކުރާ ނަމަ، ނުވަތަ ގައުމަށް ފާއިދާއެއް ނުކުރާނަމަ އެކުރަނީ އިސްލާހީ މަސައްކަތެއް ނޫން ކަމަށާއި އެއީ ގައުމަށް "ހަރާންކޯރު" ވުން ކަމަށެވެ.
"ބަތް ތަގަރިފަޅި ހިފައިގެން ދުއްވާކަށެއް ދެން މަހަކަށް ނުފުރޭނެއޭ. މިއަތުން އެ ފަން ރިޔާ ނަގާގެން އުޅެ މި އަތް ހަލާކުވެއްޖެއޭ، ފަން ރިޔަލުގަ މަހަށް ދުއްވާކަށް ދެން ނުފުރޭނެ، ތިބޭފުޅުން އަޅުގަނޑާ ނުލާ ތި ފަން ރިޔަލުގަ މަހަށް ނުކުތަސް ފަޅުތެރޭގައި އޮޑީގައި ފެހި ބޯވެ، ފަރު މަތީގައި ތިބެން ނޫނީ 2013 ގައި ޑީއާރުޕީއަށް ނުދެވޭނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ގައުމުގެ އިޖުތިމާއީ ފޭރާން މިއަދު ފެނިގެން ދަނީ ވަރަށް ބޮޑަށް ނިކަމެތިވެފައިވާތަން ކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި ދުޅަހެޔޮ ސިއްހަތެއް ލިބިފައި ތިބި ތައުލީމީ ދަރީންތަކެއް ތަރުބީއްޔަތު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ ނޫން ޖީލެއް އުފަންވެއްޖެ ނަމަ ގައުމު ދެމި ނޯންނާނެ ކަމަށާއި އެހެންކަމުން ސިޔާސީ ޒުވާބުގައި ވަގުތު ދުވާލެވެން ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ސިޔާސީ ގޮތުން އޭނާ ނިންމި ނިންމުމާ ޗެލެންޖް ކުރާ ނަމަ އިދިކޮޅު ހުރިހާ މެމްބަރުން އަތުރާލިޔަސް އެކަމަށް ތައްޔާރު ކަމަށާއި ސާބިތު ހެއްކި ދައްކައި ޖަދަލުކޮށް ލައިވްކޮށް ޓީވީގައި އެ އެންމެން ބަލިކުރައް ވާނެ ކަމަށެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާ ބެހޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ގައުމަށް އައިސްފައިވާ އާ ބަދަލާއިގެން ކުރިޔަށް ދާން ޖާގަ ދިނުމަށް މައުމޫން ބޭނުން ނުވާ ކަމަށާއި ސަރުކާރު ހަރުދަނާ ވާނީ ވެސް ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮވެގެން ކަމަށާއި ނަމަވެސް އެކަން ޒައީމް ނައްތާލައްވަން މަސައްކަތް ކުރައްވާ ކަމަށެވެ.
"ގައުމަށް އައިސްފައިވާ އާ ބަދަލާއިގެން ކުރިޔަށް ދާން ޖާގަ ދޭކަށް ޒައީމް ބޭނުމެއް ނުވޭ، ސަރުކާރު ހަރުދަނާ ވާނީ ވެސް ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮވެގެން ނަމަވެސް އެ ވެސް ޒައީމް އެ ނައްތާލަނީ، ރައީސް މައުމޫނު ގާނޫނާއި ގަވާއިދާ އެއްގޮތަށް މި ގައުމުގެ ތަރައްގީއަށްޓަކައި ކޮށްދިން ކަންތަކަށް މި އަލީ ވަހީދު ޝުކުރުވެރި ވަމޭ، އެހެން ނަމަވެސް ދެން ފުދިއްޖެއޭ، ދެން ވަރިހަމައޭ މަނިކުފާނު،" މައުމޫނަށް އަލީ ވަހީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ތޮއްޑޫގެ 300 މީހަކު ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ޑީއާރުޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ހިމެނެ އެވެ.
ޖަލްސާގެ ފަހު ބައިގައި އޮތީ މިއުޒިކް ޝޯއެކެވެ. އެ ޝޯގައި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ނާއިބު ރައީސް އަލްހާން ފަހުމީ އާއި ޕާލަމެންޓްރީ ލީޑަރު ރީކޯ މޫސާ މަނިކު ފަދަ ޕާޓީގެ އިސް ބައެއް ބޭފުޅުން ލަވަ ވިދާޅުވެ ނެއްޓެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ