ޖުމްހޫރީ ގުޅުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށާއި މިފަހަރު ޖުމްހޫރީ ގުޅުމުން ފަށަން ޖެހެނީ 50،000 ވޯޓުން ނޫން ކަމަށާއި މިފަހަރު ފަށަން ޖެހެނީ 61.000 އިން ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 61،000 އިން ފަށަންވެއްޖެ ނަމަ ދެވަނަ ބުރު ޔަގީންވެފައިވާ ކަމަށާއި އެހެން ނޫން ކަމުގައިވާނަމަ މަގްސަދަކީ އެއްބުރުން ނުވަތަ އެއްފަހަރުން އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ އުންމީދު، ﷲ ދެނޮވޮޑިގެންވާނީ އެކަން ކަން ހިނގައިދާނެ ގޮތެއް، އެއީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިންސާނާގެ ފިކުރު ބަދަލުވަމުންދާކަން އަޅުގަނޑުމެންނަށް އެބައިނގޭ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާޢި އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވަން އުޅޭނަމަ އެކަން ބަލައިގަންނާނެ ކަމަށާއި ހާއްސަކޮށް ވޯޓާސް ރަޖިސްޓަރީގެ މައްސަލައިގައި ޖުމްހޫރީ ގުޅުމުން އެ ލިސްޓުތައް ޗެކްކޮށް ބަލާ އެ ލިސްޓުތައް ހުރީ ރަނގަޅަށް ކަމުގައިވާނަމަ އަންނަ ހޮނިހިރު ދުވަހު ވޯޓުލުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އަދި ޖުމްހޫރީ ގުޅުމުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވަން ކަމަށާއި އޭރުން މިގައުމަށް ހަމަޖެހުން އަންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުން އިންތިހާބުގައި ތިން ވަނައަށް ގޮސްފިނަމަ ޕީޕީއެމްއަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅު ނުވެގެން ވާހަކަ ދައްކާއިރު، އެކަމުން ވަރަށް ބޮޑު އެއްޗެއް ދޭހަވާ ކަމަށާއި އެއީ ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބުން ވެސް ޕީޕީއެމަށް ލިބިފައިވަނީ ތިން ވަނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު އިންތިހާބަށް ދާއިރު ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ މީހުން އިތުރުވަމުން އަންނަ ކަމަށާއި، އެހެންކަމުން އިންތިހާބުގައި ދެވަނަ ބުރަށް ދިޔުމުގެ އުންމީދު ބޮޑުވެފައިވާ ދަނޑިވަޅުގައި ތިން ވަނައަށް ގޮސްފިނަމަ ތާއިދު ކުރާނެ ބޭފުޅަކާއި ބެހޭގޮތުން ވާހަކަ ދައްކަން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުން ފަށަން ޖެހެނީ 61،000 އިން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ