ޝަރީއަތުގައި އޮތް މައްސަލައަކަށް އަސަރު ފޯރާ ގޮތަކަށް ކުރާ ކޮންމެ އަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ ބާތިލް ކަމެއް ކަމަށާއި "މިބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް" ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި އަމުރު ނެރުނީ ހުޅުމާލޭ ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދައި ހިންގަމުން އަންނަ ކޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް އިޝާރަތްކޮށެވެ. އެ ކޮމިޓީން އެ ގޮތަށް ނިންމިއިރު، ހުޅުމާލޭ ކޯޓުގެ ސައްހަކަން ކަނޑައަޅައި ދިނުމަށް ޖޭއެސްސީން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ އެއްވެސް ފަރާތަކަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއދާގެ ނ. ގައި ސާފު ބަހުން ބުނެފައިވާތީ އާއި ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑއެޅުމުގެ ކުރިން، އެކަމަކަށް ބަހުސްކުރުމާއި ނިންމުމެއް ނިންމުމާއި ފިޔަވަޅެއް އެޅުމަކީ އެ މާއްދާއާ ހިލާފު ކަމަކަށްވާތީ ކަމުގައި ސުޕްރީމް ކޯޓްގެ އަމުރުގައި ބުނެފައިވެ އެވެ.
ޝަރީއަތުގައި އޮތް މައްސަލައަކާ މެދު ގޮތެއް ނިންމުމުގެ ކުރިން މައްސަލައަށް ނުފޫޒު ފޯރާފާނެ ނުވަތަ އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ފަދަ ކޮންމެ އަމަލެއް ހުއްޓުވުމަކީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރާއި ގާނޫނުގެ ބެލެނިވެރިކަމެއް ކަމަށް ވެސް އަމުރުގައި ބުނެ އެވެ.
ދައުލަތުގެ ބާރުތައް ގާނޫނު އަސާސީން ވަކިކޮށްދީފައިވާއިރު، ތިންބާރުގެ ތެރެއިން އެއްވެސް ބާރަކަށް، ގާނޫނު އަސާސީއާ ހިލާފަށް އެ ބާރުގެ ދާއިރާ ފަހަނައަޅާ ދިއުމާއި ގާނޫނު އަސާސިއާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވާކަން ގާނޫނު އަސާސީގެ 8 ވަނަ މާއްދާއިން ރަނގަޅަށް އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ދައުލަތުގެ ބާރުތަކާއި މުއައްސަސާއަކާއި ނުވަތަ ފަރުދުންގެ މެދުގައި ވެސް އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ އިހްތިސާސް ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ މައްސަލަތުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހު ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރު ފޯރާފާނެ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް ފަރާތަކުން ބަހުސްކުރުމާއި އެއްވެސް ފިޔަވަޅެއް އެޅުމަކީ މަނާކަމެއް ކަމަށް 2010 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް، މިފަހަރުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ހުޅުމާލޭ ކޯޓަކީ ގާނޫނާ ހިލާފު ކޯޓެއް ކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތިން މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކޮމިޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ ދަށުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާއިން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާ ތެރޭގައި އަދި ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާ އާއި 63 ވަނަ މާއްދާގެ ދާއިރާގެ ތެރޭގައި ހަދައި ހިންގަމުން އަންނަ ކޯޓެއް ކަމުގައި "ބަލައިގަނެވޭނެ ގާނޫނީ ހަމައެއް ނެތް" ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބަލަމުންދާ ހުޅުމާލޭ ކޯޓްގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ.
ހުޅުމާލޭ ކޯޓް އުފައްދައި ހިންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ނެގި ވޯޓުގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު އެކަމަށް ތާއިދުކުރެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެކަންޏެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ނިންމި ނިންމުން ބާތިލް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ