ނުކުޅެދޭ ކުދިންނަށް ދިމާވާ ދަތިތައް ބަލަން ލ. އަތޮޅުގައި ޕްރޮގްރާމެއް ހިންގައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެ ކުދިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑިސެބިލިޓީ އެސެސްމަންޓް ޕައިލެޓް ޕްރޮގްރާމެއް ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ. ސަރުކާރުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް އުޅުއްވި އޭޑީކޭގެ މެޑިކަލް އޮފިސަރު ޑރ. މުހައްމަދު ވިޝާމް މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި، އެ ޓީމުން ގޭގެއަށް ޒިޔާރަތްކޮށް، ކުދިންގެ ދިރިއުޅުމުގެ ހާލަތު ދެނެގަނެފައިވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މެޑިކަލް ޗެކްއަޕް ހަދައި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އިއްޔެ އަޅުގަނޑުމެން މާބައިދޫ އަށް ގޮސް އެ ރަށުގައި 22 ގެއަކަށް ޒިޔާރަތްކޮށް، 22 މީހެއްގެ މެޑިކަލް ޗެކްއަޕް ހެދިން. އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި އޭގެ ތެރެއިން 10 ފަރާތަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން،" ޑރ. ވިޝާމް ވިދާޅުވި އެވެ. ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޑިސެބިލިޓީ އެސެސްމަންޓް ޕްރޮގްރާމުގައި ގޮނޑި އާއި އަސާ ހަވާލުކުރަނީ-- ފޮޓޯ: ޑރ. ވިޝާމް މި ޕްރޮގްރާމް ފެށީ އިއްޔެ އެވެ. ޑިސެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނާއި ސައިކޯ ތެރަޕިސްޓް މުސްތަފާ ފާރޫގު ވެސް ބައިވެރިވެވަޑައިގެންނެވި ޓީމް، ލ. ފޮނަދޫ އާއި ގަމަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ. ޑރ. ވިޝާމް ފާހަގަކުރެއްވި ގޮތުގައި، އިތުރު ފަރުވާ ބޭނުންވާ ކުދިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ. އަދި މިއަދު މި ޕްރޮގްރާމް ނިމުމަށް ފަހު ވެސް، އެ ފަރާތްތަކަށް ދޭން ޖެހޭ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށް ދެމުން ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ."އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މި ދަތުރުތައް ކުރަން،" ލ. އަތޮޅު ހޮސްޕިޓަލުގެ ވެރިންގެ އިތުރުން އެމްއެންޑީއެފް އާއި އަތޮޅުގެ ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި ޑރ. ވިޝާމް ވިދާޅުވި އެވެ. ޑޮކްޓަރުންގެ ޓީމުގެ މަސައްކަތުގެ އިތުރަށް، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހަދިޔާކުރައްވާފައިވާ ގޮނޑި އާއި އަސާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ހަވާލުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ