އަބްދުﷲ މަސީހް ގަވައިދާ ހިލާފަށް ކުރެއްވިކަމެއް ފެނިވަޑައިނުގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގަވާއިދާ ހިލާފަށް ކުރެއްވި އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އެޕާޓީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލުކުރުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުރިހާ ރައްޔިތުން ތަމްސީލުކުރާ މެންބަރުން ތިއްބެވި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ވަކިކުރަން މަސައްކަތް ކުރުމުން ދޭހަވަނީ ގައުމީ ހިދުމަތް ނޫން ކަމަށާއި އެއީ ޒާތީ ކަންކަމާއި ހަސަދަވެރިކަން ކަމަށެވެ.
ބަހުސް އަޑުއެއްސެވި ކަމަށާއި, އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް ކުރައްވާފައި އޮތް އެއްވެސް ކަމެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމުގެ ވާހަމަ އެދައްކަވަނީ ހިތް ދަތިކަމާއި ހިތް ބުރަކަމާ ހުރެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ނެގި ވޯޓުގައި އިދިކޮޅުން ގިނައީ ބައިވެރިނުވާ މީހުން ކަމަށާއި, މައްސަލަ ހުށައެޅުއްވި ބޭފުޅަކު އެވާހަކަ ދެއްކެވޭތޯ ބެއްލެވި ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށްވެސް ރައިސް ވިދާޅުވިއެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލަ މަސީހުގެ މައްޗަށް އިތުބާރުނެތްކަމަކަށް ފާހެއް ނުވި އެވެ. ރޯލް ކޯލްކޮށް ނެގި ވޯޓުގައި މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ