ފޯމްތައް ޕްރޮސެސް ނުވާ އިރު ރެޖިސްޓްރޭޝަނާ ބެހޭ ގިނަ ޝަކުވާތަކެއް!

ރީރެޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ހުޅުވައިލި ނަމަވެސް ގިނަ ފޯމްތަކެއް ޕްރޮސެސް ނުކުރެވި، ރެޖިސްޓްރީކުރުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނީ ރެޖިސްޓްރީކުރަން ހުށަހެޅި ފޯމްތައް މިއަދު ހެނދުނު 8:00 ޖަހަންވާ އިރަށް ޕްރޮސެސްކޮށް ނިމޭނެ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 8:00 އިން އިރުއޮއްސި 6:00 އަށް ލިބޭނެ ކަމަށެވެ. ނަމަވެސް، ހުރިހާ ފޯމްތަކެއް ޕްރޮސެސްކޮށް ނުނިމޭތީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މާދަމާ ހަވީރު 6:00 އަށް އިތުރުކޮށްފަ އެވެ. އަދިވެސް ގިނަ އަދަދެއްގެ މީހުންގެ ރެޖިސްޓްރޭޝަން ފޯމް ޕްރޮސެސްވީ ކަމަކަށް ނުދައްކަ އެވެ. އަދި ވޯޓު ލާން ބޭނުންވާ ތަން ނޫން އެހެން ތަންތަނުގައި ރެޖިސްޓްރީކޮށްފައި ވުމާއި އަމިއްލަ ރަށުގައި ވޯޓު ލާން ބޭނުންވާ މީހުން ވެސް އެހެން ތަންތަނުގައި ރެޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އިންތިޚާބާ ގުޅޭ ބިއުރޯގެ ވެރިޔާ އަހުމަދު ތޮލާލް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރެޖިސްޓްރީ ވުމަށް އެ ޕާޓީ މެދުވެރިކޮށް ހުށަހެޅި ފޯމްތައް ހުށަހަޅާ ނިމުނީ އިއްޔެ ހެނދުނު 9:00 ގައި ކަމަށެވެ. އަދި އެއިގެ ތެރެއިން ގިނަ ފޯމްތައް އަދިވެސް ޕްރޮސެސްނުވާ ކަމަށާއި ނިމިފައިވާ ފޯމްތަކުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތޮލާލް ވިދާޅުވި ގޮތުގައި ބައެއް މީހުންގެ ފޯމްތައް ޕްރޮސެސްވެފައިވާ އިރު އެމީހުން ރެޖިސްޓްރީވެފައިވާ ކަމަށް ދައްކަނީ ރެޖިސްޓްރީ ވާން ބޭނުންވި ތަންތަނަކު ނޫނެވެ. އެގޮތުން މާލޭގައި ރެޖިސްޓްރީ ވުމަށް ހުށަހެޅި ބައެއް މީހުން އެހެން ރަށްރަށުގައި ވެސް ރެޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."މިހެން ގިނައިން މިހުރީ ވެސް އަޅުގަނޑުމެން ހުށަހެޅި ފޯމްތައް. ގިނަ ފޯމްތައް ޕްރޮސެސް ވެސް ނުވޭ އަދިވެސް. އިލެކްޝަނުން މިބުނަނީ އަދިވެސް މަސައްކަތް ކުރަމުންނޭ މިދަނީ ހުރިހާ ފޯމްތަކެއް ޕްރޮސެސް ކުރުމަށް. އެހެން ނަމަވެސް އެކަން ކޮށް ނިންމާލެވޭނެ އިރެއް އިލެކްޝަނަކަށް ވެސް ނޭނގެ،" ތޮލާލް ވިދާޅުވި އެވެ.ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ އެެޖެންޓް އަބްދުﷲ އަމީން ވިދާޅުވީ ރެޖިސްޓްރީ އަށް ޝަކުވާ ހުށަހެޅި މީހުންނަށް ދޫކޮށްފައިވާ ސްލިޕްގައި ޝަކުވާގެ ޖަވާބު ދޭނެ ކަމަށް ބުނެފައިވަނީ ފަސް ދުވަސް ތެރޭގައި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ޝަކުވާތަކަށް ޖަވާބު ދީގެން އަންނަ ހޮނިހިރުދުވަހު އިންތިޚާބު ބޭއްވިދާނެ ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.ޝަކުވާ ހުށަހެޅުމުން ދޫކޮށްފައިވާ ސްލިޕްކޮޅެއް ޕީޕީއެމްގެ އެންމެ ބޮޑު ޝަކުވާ އަކީ ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅި ހުރިހާ ފޯމްތައް ޕްރޮސެސްކޮށް ނުނިމެނީސް ރެޖިސްޓްރޭޝަނާ ބެހޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމެވެ. އެ ޕާޓީން ދެކޭ ގޮތުގައި އެގޮތަށް އަމަލުކުރުމުގެ ސަބަބުން ރެޖިސްޓްރީ ކުރުމުގެ މަސައްކަތް އިތުރަށް އުނދަގޫވެ އާއްމުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ. "އިލެކްޝަނުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ޖެހޭނީ ވެސް ހުރިހާ ފޯމްތަކެއް ޕްރޮސެސްކޮށް ނިންމާފައި. މިހެން ހެދީމައި މިވާ ގޮތަކީ ޕްރޮސެސްކޮށް ނުނިމޭ ފޯމްތައް ހުށަހެޅި މީހުން ވެސް ޝަކުވާ މިހުށަހަޅަނީ ތިމަންނަމެންގެ ނަމެއް ނެތޭ ރެޖިސްޓްރީވެފައެއް. ފޯމްތައް ޕްރޮސެސްކޮށް ނިންމާލެވޭނެ ކަމަށް އިލެކްޝަނަށް ލަފާކުރެވޭ އިރަކަށް ބަލައިގެން ޝަކުވާ ހުށަހެޅޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.އެމްޑީޕީން ބުނީ އެ ޕާޓީ އަށް ވެސް ރެޖިސްޓްރޭޝަންގެ ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެެއް މީހުންގެ ފޯމްތައް ޕްރޮސެސްކުރެވިފައި ނުވާ އިރު ބައެއް މީހުން ރެޖިސްޓްރީކުރަން ހުށަހެޅި ތަންތަން ނޫން އެހެން ތަންތަނުގައި ރެޖިސްޓްރީވެފައިވާ ކަމަށް ދައްކާ ކަމަށް އެ ޕާޓީން ބުންޏެވެ."އެހެން ނަމަވެސް ވަރަށް ގިނަ މީހުންގެ ފޯމްތައް ޕްރޮސެސް ވެސް ކޮށްފައި ވަނީ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ މިފަދަ ކުޑަ މުއްދަތެއްގެ ތެރޭގައި، އެންމެ 24 ގަޑިއިރު މި މަސައްކަތްކުރާ އިރު ހިއުމަން އެރާ ވެސް ހުންނާނެ. މިއީ ހަމަ ވެދާނެ ކަންތައްތައް،" އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަަހައްޓާ ގައުމުތަކުގައި ވޯޓް ލާން ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ގިނަ ފަރާތްތަކެއްގެ ފޯމްތައް އަދި ޕްރޮސެސް ނުވެ އެވެ. އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވޯޓް ލާން ރެޖިސްޓްރީ ވާން ހުށަހެޅި ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެ ޝަކުވާ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް މިއަދު ބުނީ ބައެއް ރަށްރަށުންނާއި ރާއްޖެ އިން ބޭރުން ލިބެން ޖެހޭ ފޯމްތައް ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެ ފޯމްތައް އަދި ޕްރޮސެސް ނުކުރެވޭ ކަމަށެވެ.ރެޖިސްޓްރޭޝަނާ ބެހޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 8:00 ހުޅުވާލި އިރު އިލެކްޝަންސް ކޮމިޝަނުން ގާއިމުކޮށްފައިވާ ރެޖިސްޓްރޭޝަނާ ބެހޭ މަރުކަޒު ކައިރިއަށް ޝަކުވާ ހުށަހަޅަން ގިނަ ބަޔަކު ޖަމާވި އެވެ. އެ ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކަށް ވީ ރެޖިސްޓްރީވެފައިވޭތޯ އެސްއެމްއެސް މެދުވެރިކޮށް ބަލާ އިރު ރެޖިސްޓްރީވެފައި ނުވުމާއި އިލެކްޝަންސުން ގާއިމުކޮށްފައިވާ ހޮޓްލައިނުން ފޯން ނުނެގުމެވެ. އިލެކްޝަންސް ކޮމިޝަނުން ދެންމެ ނެރުނު އިއުލާނެއްގައި ބުނީ ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ހަތް ގަޑިއިރަށް މެދުކެނޑުމާ ގުޅިގެން ރެޖިސްޓްރީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ފޯމްތައް ޕްރޮސެސްކޮށް ނުނިމޭތީ، ރަޖިސްޓްރީވެފައި ވޭތޯ ބެލުމަށް އެސްއެމްއެސް ކުރިޔަސް ރެޖިސްޓްރީން ނުދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ