ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަހެރިކޮށް ބަންދުގައި ބެހެއްޓުމަކީ އަނިޔާއެއް ކަމަށާއި އެކަމާ ލަދުވެތިވާންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގާސިމް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރައްވާ ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމަކީ މީގެ ކުރިން ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި މަޖިލިސް މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ގާސިމަކީ އެންމެ ގިނަ މީހުންނަށް ވަޒީފާދެއްވުމުގެ އިތުރަށް ހިލޭ ސާބަހަށް އެންމެ ގިނަ މީހުންނަށް އެހީތެރިވެ ދެއްވާ ދީލަތި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ގާސިމް އިބްރާހީމް އެކަހެރި ކޮށްފައި ބެހެއްޓުމަކީ އަނިޔާއެއް ކަމަށާއި އެކަމާ ލަދުވެތިވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ކުރިން ވީޓީވީގެ ހަބަރުގަޑިއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމް ފުލުހުންގެ ބަންދުގައި ޖަލުގައި ހުންނަވަން ޖެހުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އޮތް އުއްމީދަކީ މި ވެރިކަން ނިމެން ކައިރިވެފައި އޮތުން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް އަބުދުﷲ ޔާމީނަށް ދެން މާގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭނެ ކަމަށާ ރައްޔިތުން ކުޑަ ހިތްވަރެއްކޮށްލާ ގާނޫނީ އިމުގެ ތެރޭގައި ތިއްބެވުމަށްވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ވަނީ ރައްޔިތުން ހިތްވަރުގަދަ ކުރުމަށާއި، ގާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"ރައްޔިތުންނަށް މިފުރުސަތުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. ހިތްވަރު ކުރައްވާށޭ. ރައްޔިތުން އެދޭނަމަ ހަމަ އިސާހިތަކު މިވެރިކަން ބަދަލުކުރެވިދާނެ. ނަމަވެސް އަޅުގަނޑުމެންނަކީ އެހަމައިން އެކަން ކުރަން ބޭނުންވާ ބައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ގާސިމް އެކަހެރިކޮށް ބަންދުގައި ބެހެއްޓުމަކީ ލަދުވެތިވާންޖެހޭ ކަމެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ