އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނަން - ވަކީލުން

ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 12 އަހަރަށް ޖަލަށް ލާން ހައިކޯޓުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ މައްޗަށް ކުރި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވިދާޅުވީ ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ލިބުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެއެވެ.
މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދު ކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ހައިކޯޓުގެ ނިންމުންތައް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނަމަ 60 ދުވަހުގެ މުއްދަތެއް ލިބެއެވެ.
އިމްރާން ޖަލަށް ލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނެވީ ގޭ ބަންދުގަ އެވެ. އެހެންނަމަވެސް ހައިކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދު ކުރެއްވި ރޭ އިމްރާން ވަނީ ޖަލަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ