މާދިއްގަރުފަޅާއި ކަނުހުރާފަޅު މައްސަލާގައި ވިލާއިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނުނެރުނު
ސެޓްލްމެންޓް އެއްބަސްވުމުގެ ދަށުން ވިލާ ހޮލިޓޭސް އަށް ދީފައިވާ މާދިއްގަރުފަޅާއި ކަނުހުރާފަޅު ސަރުކާރަށް އަނބުރާ ނަގަން އެކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ވިލާ އަށް ސަރުކާރުން އެ ދެ ފަޅު ދޫކުރީ ހދ. ހަނިމާދޫން ކުރިން އެ ކުންފުންޏަށް ދިން ބަންތަކެއްގެ ބަދަލުގަ އެވެ.ނަމަވެސް އެ ފަޅުތައް ތަރައްގީކުރަމުން ނުދާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. "ދައުވާ ކުރާ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ ދައުވާގެ މައުސޫލު އަށް ގޮތެއް ކަނޑައެޅިގެންދާނެތީ ދައުވާކުރާ ފަރާތުން އެދިފައިވާ ވަގުތީ އަމުރު މި ހިނދުގައި ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފީމެވެ،" ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގުގެ ނިންމުމުގައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތްތަކުގެ އަޑުއެހުންތައް އަދި ނުފެށެ އެވެ. ވިލާ ޝިޕިން އާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ވިލާ ހޮލިޑޭސް އާއި ވިލާގެ ކުޑައިގެ ދަށުން އުފައްދާފައިވާ ގަޒީރާ ޕްރައިވެޓް ލިމިޓެޑް އަދި މަނަފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކިވަކިން، ޖުމްލަ 10 މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ 100 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ ދައްކަން އެންގުމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ ދެކޮޅަށް ކުރާ ފަސް ދައުވާއަކާއި އެގްރިމެންޓްތައް ބާތިލްކުރުމުން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކޮށްފައިވާ ފަސް ދައުވާއެކެވެ.އޭގެ ތެރެއިން ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން ވިލާ ހޮޓެލްސް އަށް ދީފައިވާ ކ. ބޮލިދުއްފަޅާއި ވާވެއްދިއްފަޅުގެ މައްސަލާގައި ވިލާއިން އެދުނު ގޮތަށް ސިޓީއަށް އަމަލުކުރުން ހުއްޓާލަން ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރިދިން ނަމަވެސް ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ