އަބްދުﷲ ގާޒީ ދިޓީވީގައި ދެއްކެވީ ގާނޫނާ ހިލާފް ވާހަކަތަކެއް ނޫން: ވަކީލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ދިޓީވީގައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކީ ގާނޫނާ ހިލާފް ވާހަކަތަކެއް ނޫން ކަމަށް ގާޒީގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ރިޒާ މިހެން ވިދާޅުވީ އަބްދުﷲ ގާޒީގެ އެ ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ(ން ނިންމުމުން އެ ނިންމުން ބާތިލްކޮށްދިނުން އެދި ގާޒީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގަ އެވެ.
ސިވިލް ކޯޓުގައި އޮތް ޝަރީއަތުގައި ރިޒާ ވިދާޅުވީ ގާނޫނަކުން ނުވަތަ އިސްލާމީ ޝަރީއަތުގައި މަނާ ނުކުރާ ކޮންމެ ވާހަކައެއް ދެއްކޭނެ ކަމަށާއި އެފަދަ ވާހަކައެއް ނުދައްކާނަމަ އެއީ ކުށެއް ނޫން ކަމަށެވެ. އަދި އަބްދުﷲ ގާޒީ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރާ ބެހޭގޮތުން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ދިޓީވީގެ ދެ މުވައްޒަފަކު ޖޭއެސްސީ އަށް ހާޒިރުކުރުމުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވީ އޭރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ފަނޑިޔާރުންގެ ގާނޫނެއް ނޯންނަ ކަމަށާއި އެހެން ކަމުން އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އަޅާފައިވަނީ ޝަރުއީ ކޮން އުސޫލެއްގެ ދަށުންކަން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުން އެދޭ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ޖޭއެސްސީ އަށް ފުރުސަތު ދެއްވުމުން އެ ކޮމިޝަންގެ ވަކީލް އަބްދުލްފައްތާހް، އަބްދުﷲ ގާޒީގެ ވަކީލާ ސުވާލުކުރެއްވީ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމުމުން ގާނޫނުގައި ބުނާ ގޮތަށް ޖޭއެސްސީ އަށް ޖަވާބުދާރީވިންތޯ އެވެ. ޖަވާބުގައި ރިޒާ ވިދާޅުވީ ޖޭއެސްސީ އަށް ނުދާ ކަމަށާއި އިތުރަށް ޖޭއެސްސީ އަށް ދާން ނުފެންނާތީ ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޖޭއެސްސީން ޖަވާބު ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތަކަށް އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.
ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ މަރިޔަމް ނިހާޔަތު އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ގޮތުގައި ގާޒީ ނިހާޔަތުގެ އިތުރުން ގާޒީ އާއިޝާ ޝުޖޫން އާއި ގާޒީ ހާތިފް ހިލްމީ ތިއްބެވި އެވެ.
ރިޔާސަތުގައި އިންނެވި ގާޒީ ނިހާޔަތު މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ޖޭއެސްސީގެ ފަރާތުން ހުށަހަޅާ ބަޔާނުގައި އާ ވާހަކަތަކެއް ނެތް ނަމަ އެ އަޑުއެހުމަކީ އެންމެ ފަހުގެ އަޑުއެހުމަށް ހައްދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ