ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިގަތުން މަޑުޖައްސާލާފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.
ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ ކޯޓުގެ ޝަރީއަތްތަކާއި އެ ކޯޓަށް މައްސަލަތައް ބަލައިގަތުން މަޑުޖައްސާލުމަށް ނިންމައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެންގުމަކާއެކު ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓަށް މައްސަލަ ބަލައިގަތުމުގެ އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެ އެވެ.
ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ މައްސަލަތައް ބަލައިނުގަންނާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީ އަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަތައް ބަލައިނުގަންނަން ނިންމުމުން އެކަން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ކަމަށެވެ. ނަމަވެސް ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެދިފައިވާ ނަމަވެސް އެއާ މެދު އެ މަޖިލީހުން ވެސް މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެ ކޯޓަށް އަޅުގަނޑުމެން އިސްތިއުނާފް ކުރަން ހުށަހަޅާ އެހެން ޖިނާއީ މައްސަލަތައް މިހާރު ވެސް ބަލައިގަންނަމުންދޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނާތީ މިހާތަނަށް 150 އަށްވުރެ ގިނަ މީހުންގެ މައްސަލަތައް އެ އޮފީހުގައި ފުނިޖެހިފައި އެބަހުރި ކަމަށާއި އެގޭ ތެރޭގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. މައްސަލަތައް ބަލައިނުގަތް ނަމަވެސް މައްސަލަތައް އަނބުރާ ގެނައުމުގެ އެއްވެސް ދައްޗެއް ކުރިމަތިނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ޕީޖީގެ މަގާމުގައި ހުރި އަހުމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވިތާ 30 ދުވަސްވީއިރު ވެސް ޕީޖީއަކު އައްޔަން ނުކުރެވޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަތް ނަމަވެސް އެހެން ހުރިހާ ކޯޓުތަކުން މައްސަލަތައް ބަލައިގަނެ އެވެ.
ޕީޖީގެ މަގާމަށް މައުމޫން ހަމީދު އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ނަން ދިރާސާކުރުމުގެ މަސައްކަތް ނުނިމި އުޅެނިކޮށް މަޖިލީސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. ދެން މަޖިލިސް ހުޅުވޭނީ އަންނަ މާޗް މަހު އެވެ.
މައްސަލަތައް ބަލައިނުގަންނާތީ ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ