ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދަން އަލުން ކުރިމަތިލާނަން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދަން އަލުން ކުރިމަތިލައްވާނެ ކަމަށް މަޖިލީހުގައި އެ ދާއިރާ މިހާރު ވެސް ތަމްސީލްކުރައްވާ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް އެހެން މީހަކު ކުރިމަތިލާފައި ނުވާތީ ޖާބިރަށް ޓިކެޓް ކަށަވަރުވެފައި ވަނިކޮށް އެމްޑީޕީން ވަނީ އެ ޓިކެޓް ބާތިލްކޮށްފަ އެވެ. އޭނާގެ ޓިކެޓް ބާތިލްކުރީ އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި މައްސަލަ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބެލުމަށް ފަހު އެވެ.
އަދި ޖާބިރުގެ ޓިކެޓް ބާތިލްކުރުމާ ގުޅިގެން، ކާށިދޫ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
ޖާބިރު "ހަވީރަ"ށް ވިދާޅުވީ ވިޕްލައިނާ ހިލާފުވެގެން އޭނާއާ ދޭތެރޭ އެޅި ފިޔަވަޅާ ދޭތެރޭ ޝަކުވާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެހެން ބޭފުޅުންނާ ދޭތެރޭ އެއް އުސޫލަކުން ފިޔަވަޅު އަޅާފައި ނުވާތީ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ދޭތެރޭ އެހާ ހަރުކަށިކޮށް ފިޔަވަޅު އެޅި ސަބަބެއް ނޭނގެ. ފިޔަވަޅު އަޅަން ޖެހޭ ބައިވަރު ކަންކަން [ބައެއް މެމްބަރުން] ކުރައްވާފައި އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުގެ ޝިކާޔަތެއް ނެތް. އަޅުގަނޑުގެ ދާއިރާ އިން އެދެނީ އަޅުގަނޑު ވާދަކުރަން. އެހެންވީމަ ވާދަކޮށް އިރާކުރެއްވިއްޔާ އެ ގޮނޑީގައި އިންނާނީ އަޅުގަނޑު،" މިވަގުތު މެލޭޝިއާގައި ހުންނެވި ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ ޓިކެޓް ބާތިލްކުރުމުގެ ފިޔަވަޅު އެޅީ ޖަވާބުދާރީވުމަށް ވެސް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. އަދި އޭނާގެ މައްސަލަ ބަލަން ފަށައި ޖަވާބުދާރީވާން އެންގުމުން އެކަމަށް ވަގުތު ދިނުމަށް ފިޔަވަޅުއަޅާ ކޮމެޓީގައި އެދިވަޑައިގެންނެވި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމުގައި އޭނާ ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވީ ޕާޓީ އަށް ކުރިން އަންގައިފަ އެވެ. އެމްޑީޕީން ރަސްމީކޮށް ސަރުކާރު ގަބޫލުކޮށްފައި ވަނިކޮށް ވަކިވަކި މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމުމަކީ އޭނާ އަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޕާލިމެންޓްރީ ގްރޫޕު މެމްބަރުންގެ އަރިހު ވިދާޅުވި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑު ވޯޓުދީނީ އަތް އޮޅިގެންނެއް ނޫން. އެމްޑީޕީން އޮތީ ރަސްމީކޮށް ސަރުކާރު ގަބޫލުކޮށްފައި. ގައުމީ މަސްލަހަތަށް ވެސް ބަލަން ޖެހޭނެ. އަޅުގަނޑު އެމްޑީޕީ ދޫކޮށެއް ނުލާނަން، ޕާޓީގައި ދެމިހުންނާނަން" ޖާބިރު ވިދާޅުވި އެވެ.
ޖާބިރުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވޯޓު ދެއްވި އެވެ.
މި ބޭފުޅުންގެ ތެރެއިން މެމްބަރު ރަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެ،ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ވެސް ވަނީ އެމްޑީޕީން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ.
ޖާބިރުގެ އިތުރުން ދެން ތިއްބެވި މެމްބަރުންނާ ދޭތެރޭ އެޅި ފިޔަވަޅެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ