މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލިކަމުގެ ތުހުމަތުކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.
އަފްރާޝީމަށް ހަމަލާދިން ކަމަށް ބުނެ ޝާންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީ އަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް އޭނާގެ މައްސަލަ މިހާތަނަށް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ.
ޝާންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް ކޯޓުން މިއަދު އިތުރުކޮށްދިނީ އޭނާގެ ބަންދަށް ކުރިން ކޯޓުން ދިން މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. މިއަދު ވެސް ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ.
އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ފޮނުވާފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އެވެ. އޭނާގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް އަފްރާޝީމަށް ހަމަލާދިންކަމަށް ޝަރީއަތުގައި އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
އަފްރާޝީމްގެ މަރުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު މިހާރު ކުރަނީ އެކަމަށް ޚަރަދުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި ކަމަށާއި އެކަމަށްޓަކައި ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޝާންގެ ބަންދުގެ މުއްދަތު އަނެއްކާވެސް ކޯޓުން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ