މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް ކަމަށް އެޕާޓީގެ ވަގުތީ ރައީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއާރުއެމްގެ ކޮންމެ ހަރަކާތެއްގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރައްވާނެ ކަމަށާ އެމްއާރްއެމްގެ ކޮންމެ ގުނަވަނެއްގެ 25 އިންސައްތަ ޒުވާނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އެމްއާރުއެމް ވާނީ ގައުމުގެ އެންމެން އެކުވެރިކޮށް، އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރާ ޕާޓީއަކަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެއް ތަނބު ނަމަވެސް، ހިިޔާލުފާޅުކުރުމުގެ މާނައިގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއް ނެތި ބަހުގެ ހަމަލާތައް ބަދަލުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ރަނގަޅު ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ހިޔާލުތަފާތުވުން އޮންނަ ކަންކަމުގައި، އެންމެންގެ ބައިވެރިވުން އޮންނަ ވަކި ސަރަހައްދެއް ނުވަތަ ކޮމަން ގްރައުންޑެއް ހޯދުމެވެ.
"އެންމެން ހިއްސާ ކުރާ ވަކި ސަރަހައްދެއް އޮތުމަކީ ގައުމަށް ހަމަޖެހުން އަންނާނެ ކަމެއް،" މައުމޫން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޞާލިހް ބައިވެރިވެ ވަޑައިގެންނެވުމުން މައުމޫން ވަނީ އެކަން ފާހަގަ ކުރައްވާ ރައީސް ޞާލިހަށް ޝުކުރު އަދާކުރައްވާފައެވެ.
"އެމަނިކުފާނު މި ޖަލްސާއަށް ވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާއަށް ވަޑައިގަތުމުން އަޅުގަނޑުމެންނަށް ފެނިގެން ދަނީ އަޅުގަނޑުމެން އެމްއާރުއެމާމެދު ބަހައްޓަވާ ގާތްކަން. އަދި ސަރުކާރު ކޯލިޝަނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު. ހަމަ އެހެންމެ ރާއްޖޭގެ ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އެމްއާރްއެމް ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. މިހަފްތާގައި އެމްއާރްއެމްގެ ރަޖިސްޓްރީ އެޕާޓީ އާއި ހަވާލު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެމްއާރުއެމް ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ