ފެންނަނީ ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ އިން ވައްކަންކުރާތަން: ޝިޔާމް

މިހާރު ފެންނަމުން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ އިން ވައްކަންކުރާތަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިދާރާ ދޮށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން، ހއ. އިން ފެށިގެން އައްޑުއާ ހަމަ އަށް އަސާސީ ކަންތައްތައް ފުރިހަމަނުވާ ބައެއް ރަށްރަށް އެބަހުރި ކަމަށެވެ. މަސް ކިރެނީކީ ނޫން ކަމަށާއި އަދި މަސް ކިރާ ހާލަތްތަކުގައި ފައިސާއެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން އަވަސް އަރުވާލާފައި ދުވަސްތައް ހޭދަކުރަނީ ބަދަލު ދިނުމުގައި ކަމަށް ވިދާޅުވެ ޝިޔާމް ފާޑުވިދާޅުވި އެވެ.
ޝިޔާމް އެހެން ވިދާޅުވީ، ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ޚިލާފަށް އުވާލުމުން އޭގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 849،750،000ރ.) މި ސަރުކާރުން ދެއްކުމުންނެވެ.
ނޫމަޑިއާ އެކު އެއްބަސްވީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އަޅާށެވެ. އެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވައި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރު ވަނީ ހުށަހަޅައިފަ އެވެ.
ނޫމަޑީގެ އިތުރުން އެހެން ކުންފުނިތަކަށާއި މީހުންނަށް ގެއްލުމުގެ ބަދަލުގައި މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އިއްޔެ ވިދާޅުވެފަ އެވެ. މަޖިލީހުގައި ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށާއި މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހުނީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ހިންގާފައި ހުރި ދޯދިޔާ ގޮތުގެ ސަބަބުން ކަމަށެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝިޔާމް ވިދާޅުވިގޮތުގައި ޕީޕީއެމްގެ ވެރިކަމުގައި ވެސް އެ ބަދަލުތައް ދެވެން އޮތެވެ. ޕީޕީއެމްގެ ވެރިކަމުގައި ބަދަލު ދިނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި ޖީއެމްއާރަށް އެކަނި ކަމަށާއި އެ މައްސަލަ އެހެން ކުންފުނިތަކާ ތަފާތުވަނީ، ރާއްޖޭގެ ރައްކާތެރިކަމާއި އިގްތިސާދާ ގުޅިފައިވާ ކަމަކަށްވާތީ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަައި އެއާޕޯޓު ހިންގުން ޖީއެމްއާރު އަތުން އަތުލުމުން ބަދަލުގައި 270 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.
ނޫމަޑި އަށް 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދިނަސް އެކަން ކުރީ އާބިޓްރޭޝަނުން މައްސަލަ ނުވެސް ނިމެނީސް ކަމާށައި އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ހަދާ ގޮތާ ގޮތަކީ ފިނޭންސް މިނިސްޓަރާއި ސަރުކާރާ ވެގެން މިކަހަލަ ހިލާފު އުފެދިގެން އުވާލެވިފައި ހުރި އެގްރިމެންޓުތައް، އެ ނިސްބަތްވާ ނުވަތަ އެ ކުންފުނިތަކާ ވާހަކަދައްކައިގެން އައުުޓް އޮފް ކޯޓް ސެޓުލްމަންޓަކަށް މި ދަނީ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި ހަމަ ސީދާ ދައުލަތުގެ ފައިސާއިން ވައްކަންކުރަނީ،" އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ވެސް 1.7 ބިލިއަން ރުފިޔާ ފާސްކުރީ ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ހިންގަން ކަމަށް އޭރު ހީކުރެވުނަސް ގެއްލުމުގެ ބަދަލުގެ ދީ އެންމެ ފަހުން އެ ފައިސާ ވެސް ހުސްވެގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ހިތާމަކުރި ކަމެއް. މިއީ ހަމަ ރޯމާ ދުވާލު މިއަށް ކިޔަނީ ވައްކަންކުރުން،" ޝިޔާމް ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ ނޫމަޑި އަށް ބަދަލު ދިނީ އާބިޓްރޭޝަންގެ މަރުހަލާ ނުނިމެނީސް ކަމަށް ވާއިރު އިންޓަނޭޝަނަލް ކޮމާސްގައި މަސައްކަތް ކުރެވޭނީ އާބިޓްރޭޝަނަށް ގެންގޮސް އޭގައި އޮންނަ މަރުހަލާތަކެއްގެ ތެރެއިން ކަމަށެވެ.
އާބިޓްރޭޝަނުގައި އެހާ ގިނަ ފައިސާ ދިނުމަކީ ކޮމެޓީއެއް ނަގައިގެން އެހެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މަސްވެރިންނަށް މިއަދު ކިރާ މަހަކަށް ފައިސާ ދެވެނެކީ ނޫން. އަލިފާނުގައި ހާލުގައި ޖެހިފައި ތިބި ނިކަމެތި އާއިލާތައް އަދި ވެސް އެ ތިބީ އެއްވެސް ކަހަލަ ބަދަލުދިނުމެއް ނެތި. އެހެން އޮއްވާ 52 މިލިއަން ޑޮލަރު ހަމަ ކުއްލިއަކަށް އައުޓް އޮފް ކޯޓު ސެޓްލްމަންޓެކޭ ކިޔާފައި މި ނިންމީ. އެއީކީ ނިންމޭނެ ކަމެއް ނޫން، ނުކުރެވޭނެ. އިންޓަނޭޝަނަލް ކޮމާސްގައި ކުރެވޭނެ ކަމެއް ނޫން އެއީ،" ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ