އަބްދުﷲ ގާޒީ ހައްޔަރު ކުރަން ދައުލަތަށް ފެންނަ ކަމަށް ތޮލްހަތު ހުށަހެޅުއްވި: ޗީފް އޮފް ޑިފެންސް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ޠަލްހަތު އިބްރާހީމް ކަލޭގެފާނާ ދެބޭފުޅުން ސިފައިންގެ އޮފިސަރުންތަކަކާ ކުރެއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ދައުލަތަށް ފެންނަ ކަމަށް ޠަލްހަތު ހުށަހެޅުއްވި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.ޠަލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޝިޔާމް ވިދާޅުވީ އަބްދުﷲ ހައްޔަރުމުގެ ކުރިން، ރައީސް ނަޝީދާއި ޠަލްހަތު ސިފައިންގެ އޮފިސަރުންތަކަކާ ކުރެއްވި ބައްދަލުވުމެއްގައި ޢަބުދު ﷲ ޤާޒީ ހައްޔަރު ކުރުމަށް ތޮލްހަތު ވިދާޅުވުމުން، އޮފިސަރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. " ދެން އަޅުގަނޑުމެން ދެންނެވިން ތިއީ އަޅުގަނޑުމެންނަށް ފެންނަ ކަމެއް ނޫނޭ، " ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވި އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރަން އެ މަޖިލީހުން ވެސް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުންވެސް ރައީސް ނަޝީދާއި، ޠަލްހަތު ސިފައިންގެ އޮފިސަރުންތަކަކާއި، ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން 40 އަހަރު ޖަލުގައި އޮންނަވަން ޖެހުނަސް ޒިންމާ އަދާކުރައްވަން ކެރިގެން ހުންނެވި ކަމަށް ޠަލްހަތު ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ."މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ވިދާޅުވީ 40 އަހަރު ވަންދެން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތަސް ޒިންމާ އަދާކުރައްވަން ކެރިގެންނޭ މިހުންނެވީ،" ޝިޔާމް ވިދާޅުވި އެވެ.ޝިޔާމްގެ އިތުރުން އެމްއެންޑީއެފްގެ މެޑިކަލް އޮފިސަރެއް ކަމުގައިވާ ޑރ. އަލީ ޝާހިދު މުހައްމަދު ވެސް ވަނީ މިއަދު ހެކިބަސް ދެއްވާފަ އެވެ.އެ މައްސަލާގައި ދެންއޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ