ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދެ ފަޅި ވެފައިވާއިރު ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ ފަޅިންނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވި މައްސަލައިގައި އެދިފައި ވަނީ ޕީޕީއެމްގެ ރައީސްކަމުން މައުމޫން އެކަހެރިކޮށް، "ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރާ އަމުރަކަށް" އެދިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުން ޕީޕީއެމަށް ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރުގައި އަންގާފައިވަނީ ޝިޔާމާއި ޝާހިދު ހުށަހަޅުއްވާފައިވާ މައްސަލައިގައި މާދަމާ މެންދުރު ފަހު 3:30 އަށް ހާޒިރުވުމަށެވެ. ޕީޕީއެމުން ހާޒިރުވަނީ ޕާޓީގެ ފަރާތުން ހާޒިރުވާ މީހެއްކަން ސާބިތުކޮށްދޭން ޕާޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ގެންނަން ވެސް އަންގާފައިވެ އެވެ.
އެ އަމުރާ އެއްގޮތަށް ހާޒިރު ނުވެއްޖެ ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީޕީއެމް ދެ ފެކްޝަނެއްގެ ގޮތުގައި މިހާރު ވަނީ ރަސްމީކޮށް ހިންގަން ފަށައިފަ އެވެ. އެ ޕާޓީގެ ކޯޅުން އިތުރަށް ބޮޑުވެފައި މި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދާނެ ފެކްޝަނަކާ ގުޅޭ ގޮތުން އުފެދުނު އަރައިރުންތައް ހައްލު ނުކުރެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ