މެމްބަރު އިމްތިޔާޒު ފަހްމީގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އިތުރު މެމްބަރުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މިއަދުގެ 11:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރާއްޖެއިން ފުރައިގެން ދާން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ކަމުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން ނޫޅޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިސަރުކާރު ހަމަމަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އޭނާ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވީ އޭނާކަން ކަށަވަރު ކުރެއްވުމަށް ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކަމަށެވެ. މެމްބަރު އިމްތިޔާޒާއި ދެކޮޅަށް ތަހުގީގު ހިންގަނީ ނޫސްވެރިންގެ އެބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަަކަ ދައްކަވާފައިވާތީ އެއީ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ އަމަލެއްގެ ގޮތުގައި ބަލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
މިމައްސަލައިގައި މިދިޔަ އަންގާރަ ދުވަހުވެސް އިންތި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެ އެވެ.
އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގައި އަޅުވާފައިވާ ތަޅު ނައްޓާލަން ޖެހޭ ކަމަށާއި، މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓާނުލައި ކުރަން ޖެހޭ ކަމަށެެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައްވެސް ބަލަން ޖެހޭ ކަމަށެވެ. ހަމައެކަނި ތުހުމަތު ކުރެވެނީ ނޫން ކަމަށާއި ހެކިވެސް ލިބިފައިވާ ކަމުގައި އިންތި ވިދާޅުވި އެވެ. ރައީސް ޔާމީނުގެ އެކައުންޓަށް ހިޔާނާތުގައި ބައިވެރިވި ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު އެފައިސާވެސް ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު މިހާރުވެސް 12 މެމްބަރެއްގެ ގޮނޑިގެއްލުވާލައި ހަ މެމްބަރުން ޖަލުގައި ބަންދުކޮށްފައިވާއިރު، އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގެ އިސް ބައެއް ބޭފުޅުންގެ ޕާސްޕޯޓުތައްވެސް ސަރުކާރުން ދަނީ ހިފަހައްޓަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ