އަނިޔާއަކީ ހައްލެއްނޫން ކަމަށާއި ކާމިޔާބީއެއްނޫން ކަމަށާއި ވެރިކަން ދެމެހެއްޓުމަށް އޮތް ބާރެއްވެސް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
އިބްރާހިމް ހަސަން މިހެން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއްވެސް ހައްގަކާ ނުލާ ބާރުގެ ބޭނުން ކުރުން ގަބޫލެއް ނުކުރެވޭނެ ކަމަށާއި، އިންޒާރަކާ ނުލާ ބާރުގެ ބޭނުންކުރާކަށްވެސް ޖާގަ ނުދެވޭނޭ ކަމަށް މަޖިލިސް މެމްބަރު ވިދާޅުވިއެވެ.
އިބްރާހީމް ހަސަންގެ ވާހަކަފުޅުގައި، އެއްވެސް އިންޒާރެއް ދެއްވުމަކާ ނުލައި އެމަނިކުފާނުގެ މޫނަށް ފުލުހުން މިއަދު ޕެޕަރ ސްޕްރޭ ޖެހުން ކުށްވެރިކުރައްވާފައި ވެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަދު ހިނގައިދިޔަ ކަންކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ މިއަދަކީ ރާއްޖެއަށް ކަޅު ދުވަހެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރުމާއި، މަޖިލިސް މެމްބަރުން ހައްޔަރުކުރުންފަދަ ނޭއްގާނު ދަނީ ހިނގަމުންކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް، ގައުމުގެ ހައްގުގައި، އިސްލާހަށްޓަކައި ކުރަމުންދާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުއަސާސީން ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވިފައިވަނިކޮށް، އެ ހައްގުތައް ނިގުޅައިގަނެ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އަނިޔާ ހުއްޓާލުމަށް އިބްރާހިމް ހަސަން ގޮވާލެއްވިއެވެ. ހަމަ އެއާއެކު، ގާސިމް އިބްރާހީމާއި، ސިޔާސީގޮތުން ހައްޔަރު ކުރެވިފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ދުނިޔޭގެ އެންމެ ނުބައި ގައުމުތަކުން ނުހިންގާފަދަ އަމަލުތައް މިގައުމުގައި ހިންގަމުން ގެންދާ ކަމަށާއި، މިހާރު ހިންގަމުން މިގެންދާ ކަންތައްތަކަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފް ކަމެއްކަމަށްވެސް ތޮއްޑޫދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން ޖަލްސާ ބާއްވާ ކުނޫޒަށް ފުލުހުން ޕެޕަރ ސްޕްރޭ ޖެހި މައްސަލައަށް އިޝާރާތް ކުރައްވައި އިބްރާހީމް ހަސަން ވިދާޅުވީ، އެތަނަށް އެއްވެސް އުސޫލަކުން ޕެޕަރ ސްޕްރޭ ނުޖެހޭނެ ކަމަށެވެ.
މިރާއްޖޭގައި މިހާރު މި ހިނގަމުންދާ ކަންތައްތަކާމެދު މުއައްސަސާތަކުން ވިސްނަންޖެހޭ ކަމަށާއި، އެންމެ ފަރާތަކުން ކުރާ އަމުރުތަކަށް އެކަން ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަނިޔާއަކީ ހައްލެއްނޫން: ތޮއްޑޫ ދާއިރާގެ މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ